ވޯޓުގެ ސިއްރުކަން ކަށަވަރު: އެއްވެސް މިންވަރަކަށް ބުރޫނާރާނެ ކަމަށް އީސީން ބުނެފި
މި އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުތަކުގައި ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ ގޮތަކަށް އަމަލުކުރަން އުޅޭކަމަށް ކުރެވޭ ތުހުމަތުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދޮގުކޮށްފިއެވެ.
މި މައްސަލައާ ގުޅޭގޮތުން ކޮމިޝަނުން ރައްދު ދީފައިވަނީ، ކުރީގެ އުއްތަމަ ފަނޑިޔާރު ހުސްނުއްސުއޫދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ.
ސުއޫދު ތުހުމަތު ކުރެއްވި ގޮތުގައި، ވޯޓުލާ މީހާ ކައިރީގައި އޭނާ ވޯޓުލާން ބޭނުންވަނީ ކޮން ކަމަކަށްތޯ އޮޅުންފިލުވުމަށްފަހު، އެ މީހަކު ބޭނުންވާ ކަރުދާސްކޮޅު އެކަނި ދޫކުރުމަށް އީސީން ވަނީ ނިންމާފައެވެ. އޭނާ ވިދާޅުވީ އެއްފަހަރާ ބާއްވާ ތިން އިންތިހާބުގެ ތިން ކަރުދާސްކޮޅުވެސް ވޯޓުލާ މީހާއަށް ދޭންޖެހޭނެ ކަމަށާއި، އެއީ އެ މީހެއްގެ އަމިއްލަ އިހުތިޔާރުގައި އޮންނަންޖެހޭ ކަމެއް ކަމަށެވެ.
މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮމިޝަނުގެ އިތުބާރު ގެއްލޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަ ފަތުރަމުންދާތީ އެކަމާ ހިތާމަކުރާ ކަމަށެވެ. އަދި ވޯޓުގެ ސިއްރުކަން ގެއްލޭނެ ފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި، އެފަދަ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު މައުލޫމާތުތަކެއް ކަމަށްވެސް އީސީން ބުންޏެވެ.
އީސީން އިތުރަށް ތަފްސީލުކޮށްދިން ގޮތުގައި، ވޯޓުލުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައިވަނީ ސިއްރުކަން ކަށަވަރުވާނެ ފަދަ ހަރުދަނާ އުސޫލުތަކެއްގެ ދަށުންނެވެ. ކޮންމެ ވޯޓުލާ މީހަކަށްވެސް ތިން އިންތިހާބުގެ ތިން ކަރުދާސްކޮޅު ދޫކުރާނެ ކަމަށާއި، ވަކި ގޮތަކަށް ވޯޓުލުމަށް އެއްވެސް އޮފިޝަލަކު ބާރުނާޅާނެ ކަމުގެ ޔަގީންކަން އެ ކޮމިޝަނުން ވަނީ ދީފައެވެ.
ކުރިއަށް އޮތް ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓެކެވެ.