ހުޅުމާލޭގެ އާ ގްރޭންޑް މިސްކިތް: މަދީނާގެ ރާޖިޙީ ކުންފުނިން ބޮޑު އެހީއެއް
ހުޅުމާލޭގައި ތަރައްޤީކުރާ ބޮޑު މިސްކިތް ނުވަތަ ގްރޭންޑް މޮސްކް މަޝްރޫޢަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށްޓަކައި ސައުދީ އަރަބިއްޔާގެ ކުންފުންޏަކާއެކު ރަސްމީކޮށް ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވުނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިހާރު މަދީނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ވަޒީރު ޝަހީމް މީޑިއާތަކަށް މަޢުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫޢަށް ފަންޑުކުރުމަށް އެއްބަސްވެފައިވަނީ ސައުދީގެ ރާޖިޙީ ކުންފުންޏާއެކުގައެވެ. އަމާޒަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް މިސްކިތުގެ ޢަމަލީ މަސައްކަތް ފެށުމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ މި ބޮޑު މަޝްރޫޢުގެ ބިންގާ އެޅުމަށް ތާވަލުކޮށްފައިވަނީ 13 ސެޕްޓެމްބަރު 2026 ގައެވެ.
ހުޅުމާލޭގައި ބިނާކުރާ ގްރޭންޑް މޮސްކް ނުވަތަ ބޮޑެ މިސްކިތުގެ ކުރެހުމެއް /ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ސަރަޙައްދުގައި ބިނާކުރާ މި މިސްކިތަކީ އެއްފަހަރާ 10,000 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ ތަނަވަސް ތަނެކެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މިސްކިތުގެ ކޮންސެޕްޓް މިހާރު ވަނީ ނިމިފައެވެ. އަދި ބޭރުގެ މާހިރުންގެ އެހީތެރިކަމާއެކު ތަފްޞީލީ ޑިޒައިންތައް އެކުލަވައިލުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
މި ބިނާ ފަރުމާކުރެވިފައިވަނީ ހަމައެކަނި މިސްކިތެއްގެ ގޮތުގައެއް ނޫނެވެ. މީގެ ތެރޭގައި ވަޤުފު ބިނާތަކާއި، ވިޔަފާރި އުޞޫލުން ބޭނުންކުރާނެ އިމާރާތްތަކާއި، ޕާކިންގްގެ އިތުރުން ޚާއްޞަ ޤުރުއާން މިއުޒިޔަމެއްވެސް ހިމެނޭނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ޑިޒައިން ކުރުމުން ފެށިގެން މުޅި މަޝްރޫޢަށް ޚަރަދުކުރާނީ ފަންޑުކުރާ ސައުދީ ކުންފުނިންނެވެ. އަދި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.