މެދުކެނޑުމަކަށްފަހު ވައިގެ ދަތުރުތައް އާންމު ހާލަތަކަށް: ފްލައިޓްތަކުގެ އަދަދު އިތުރުވަނީ
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މެދުކަނޑާލި ބައެއް އެއާލައިންތަކުގެ ދަތުރުތައް، ސަރުކާރުން ކުރި މަސައްކަތުން އަލުން ފަށާފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ހާމަކުރައްވައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ބައެއް އެއާލައިންތަކުގެ އޮޕަރޭޝަންތަކަށް ބުރޫއެރި ނަމަވެސް، ކަމާގުޅޭ އިދާރާތަކާ ގުޅިގެން ކުރެވުނު މަސައްކަތުން އެމިރޭޓްސް، އިއްތިހާދު އަދި ފްލައި ދުބާއީ އިން މިހާރު ކޮންމެ ދުވަހަކު ރާއްޖެއަށް ދަތުރުތައް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން ބެލަރޫސްގެ ބެލަވިއާ އެއާލައިންގެ ދަތުރުތައް ފެށުމުގެ ތައްޔާރީތައް ވަމުންދާއިރު، އަންނަ އޭޕްރިލް މަހުގެ 9 ވަނަ ދުވަހުން ފެށިގެން ގަތަރު އެއާވޭސް އިން ދުވާލަކު 5 ފްލައިޓް ބާއްވާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ސީޒަނަށް އަންނަ ބަދަލުތަކާއެކުވެސް، އެއިރޯ ފްލޯޓުން އިތުރު ތިން ފްލައިޓް ކުރިއަށް އޮތް ތަނުގައިވެސް ބާއްވާނެ ކަމުގެ ޝެޑިއުލް މިހާރު ވަނީ ކަށަވަރުވެފައެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ހަނގުރާމަ ފެށުނު ދުވަސްވަރު ފްލައިޓްތަކުގެ ފުރުމުގެ ނިސްބަތް 50 އިންސައްތައިގައި ހުރި ނަމަވެސް، މިހާރު އެ އަދަދު ވަނީ 75 އިންސައްތައަށް އުފުލިފައެވެ.
މި ކުރިއެރުމަކީ ފޮރިން މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީގެ ބޮޑު އެއްބާރުލުމަކާއެކު ލިބުނު ކާމިޔާބީއެއް ކަމަށާއި، މި ގުޅިފައިވާ މަސައްކަތްތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މި ހާލަތުން މުޅިން އަރައިގަނެވޭނެ ކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.