ހަނގުރާމަތަކުން ރައްޔިތުންނަށް ކުރާ އަސަރު ކުޑަކުރެއްވުމަށް ރައީސް އިސްކަމެއް ދެއްވާ: ނައިބު ރައީސް
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވަނީ ވަރަށް އިޚުލާސްތެރި އަދި ބުއްދިވެރި މަސައްކަތްޕުޅުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވީ ގދ. ފަރެސްމާތޮޑާގެ ބިންހިއްކުމާއި، އުޅަނދުފަހަރު އެހެލާ ސަރަޙައްދު ތަރައްޤީކުރުމުގެ މަޝްރޫޢު އިފްތިތާޙުކުރުމަށް އެ ރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ދަތުރުފުޅުގައި އެ ރަށުގެ މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ މަރުޙަލާގެ މަސައްކަތްވެސް އެމަނިކުފާނު ވަނީ ފައްޓަވައިދެއްވާފައެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ސަރުކާރުގެ ކުރިމަގަށް ހުރި ހުރަސްތަކާއެކުވެސް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމުގައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ދުރުވިސްނުންތެރި ސިޔާސަތުތަކަށް ތައުރީފު ކުރެއްވިއެވެ. އަދި އަންނަން އޮތް ޖީލުތަކަށް އޭގެ މަންފާ ލިބޭނޭފަދަ މުހިންމު މަޝްރޫޢުތައް ރައީސް ތަންފީޒުކުރައްވަމުން ގެންދަވަނީ ވަރަށް ބޮޑު ޙިކުމަތްތެރިކަމަކާއެކު ކަމަށްވެސް ވިދާޅުވިއެވެ. ބައިނަލްއަޤުވާމީ މަސްރަޙަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ދުނިޔޭގެ ހަނގުރާމަތަކުގެ ސަބަބުން ރާއްޖެއަށް ކުރާނެ ނޭދެވޭ އަސަރުތަކުން ރައްޔިތުން ސަލާމަތްކުރެއްވުމަށް ރައީސް އިސްކަންދެއްވާ ކަމަށެވެ.
މީގެ އިތުރުން، ދައުލަތް ހިންގުމުގައި ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ބޭނުންވާ މިންވަރާ ގުޅޭގޮތުންވެސް ނައިބު ރައީސް ވާހަކަފުޅުދެއްކެވިއެވެ. އެގޮތުން، މީގެ ކުރީގެ ސަރުކާރުތަކުގައި މަޖިލީހުގެ އަޣުލަބިއްޔަތު އިދިކޮޅު ފަރާތްތަކަށް އޮތްއިރުވެސް، ސަރުކާރުން ހުށަހަޅާ ބަޖެޓު ފާސްކޮށްދީފައިވަނީ ޒިންމާދާރުކަމާއެކުކަން ފާހަގަކުރައްވައި، އެއީ ތަހުޒީބީ ނަމޫނާއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.