ހއ. މުރައިދޫ އަދި ބާރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އާރް.ޑީ.ސީ އާ ހަވާލުކޮށްފި
ހއ. މުރައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްޓަކައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލްފާޟިލް ޙަސަން ރަޝީދުއެވެ. އަދި އާރް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް އެވެ.
މީގެ އިތުރުން، ހއ. ބާރަށުގެ ރިންގް ރޯޑް ޒަމާނީ ފެންވަރަށް ފަރުމާކޮށް ބިނާކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައިވެސް މިއަދު ވަނީ ސޮއިކޮށްފައެވެ. މި މަސައްކަތުގެ އެއްބަސްވުމުގައިވެސް ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދު އާއި އާރް.ޑީ.ސީގެ އެމް.ޑީ އިބްރާހީމް ނަޡީމް އެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދާ މި ދެ މަޝްރޫޢުގެ ދަށުން މުރައިދޫގެ މަގުތައް ހެދުމާއި ބާރަށުގެ ރިންގް ރޯޑް ތަރައްޤީކުރުމުގެ މަސައްކަތް ކުރެވޭނެއެވެ.
މި މަޝްރޫޢުތަކަކީ ރަށްރަށުގެ އުމްރާނީ ތަރައްޤީއަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އާރް.ޑީ.ސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މުހިންމު ދެ މަސައްކަތެކެވެ.