Advertisement

ޖަރުމަނުން އެމެރިކާއާއި އިސްރާއީލަށް އީރާނުގައި ކުރަމުންދާ ހަނގުރާމައިގެ ރޭވުމެއް ނެތް ކަމަށް ތުހުމަތުކޮށްފި

26 Mar 2026 | 14:13
ޖަރުމަނުގެ ޑިފެންސް މިނިސްޓަރު ބޮރިސް ޕިސްޓޯރިއަސް

ޖަރުމަނުގެ ޑިފެންސް މިނިސްޓަރު ބޮރިސް ޕިސްޓޯރިއަސް، އެމެރިކާއާއި އިސްރާއީލުން އީރާނުގައި ކުރަމުންދާ ހަނގުރާމައަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެ ދެ ގައުމުގެ އެއްވެސް ސްޓްރެޓެޖީއެއް ނެތް ކަމަށް ތުހުމަތު ކުރައްވައިފިއެވެ.

 ބުރާސްފަތި ދުވަހު އޮސްޓްރޭލިއާގެ ކެންބަރާގައި އެ ގައުމުގެ ޑިފެންސް މިނިސްޓަރު ރިޗަޑް މާލްސްއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕިސްޓޯރިއަސް ވަނީ މި ހަނގުރާމައާ މެދު ޖަރުމަނުގެ އޮތް ކަންބޮޑުވުންތައް ހާމަކުރައްވާފައެވެ.

Advertisement

ޕިސްޓޯރިއަސް ވިދާޅުވީ، "އެ ހަނގުރާމައާ މެދު އަޅުގަނޑު އެންމެ ބޮޑަށް ކަންބޮޑުވަނީ އެކަމުގައި އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވުމާއި، އެއްވެސް ސްޓްރެޓެޖީއެއް ނެތުމާއި، ސާފު މަގްސަދެއް ނެތުމެވެ. އަދި އަޅުގަނޑުގެ ނަޒަރުގައި އެންމެ ގޯސް ކަމަކީ އެއިން ނުކުންނާނެ ގޮތުގެ (އެގްޒިޓް) ސްޓްރެޓެޖީއެއް ނެތުމެވެ." އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ހަނގުރާމައަކީ ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި ކާރިސާއެއް ކަމަށާއި، މިކަމުގައި ޖަރުމަނާ ކުރިއާލާ މަޝްވަރާކޮށްފައި ނުވާތީ އެއީ އެ ގައުމުގެ ހަނގުރާމައެއް ނޫން ކަމަށް ސާފުކޮށް ވިދާޅުވިއެވެ.   

ޖަރުމަނުގެ ޑިފެންސް މިނިސްޓަރު ވަނީ ވީ އެންމެ އަވަހަކަށް ޑިޕްލޮމެޓިކް ހައްލެއް ބޭނުންވާ ކަމަށް ބާރުއަޅުއްވާފައެވެ. މެދުއިރުމަތީގެ ނުތަނަވަސްކަމުގެ ނޭދެވޭ އަސަރު މުޅި ދުނިޔެއަށް ކުރާނެ ކަމުގެ އިންޒާރު ދެއްވަމުން އޭނާ ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމަކަށް އާދެވިއްޖެ ނަމަ ސުލްހަ ގާއިމުކުރުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއްގައި ޖަރުމަނުން ބައިވެރިވާން ތައްޔާރަށް އޮތް ކަމަށެވެ. މީގެ ތެރޭގައި ހޯރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުން ހިމެނެއެވެ.

މީގެ އިތުރުން، ޖަރުމަނުގެ ފޮރިން މިނިސްޓަރު ޔޯހަން ވަޑެފުލް ވެސް ވަނީ އީރާނުގެ މައްސަލައިގައި ޑިޕްލޮމެސީ ވަރުގަދަކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. ބާލިންގައި ބޭއްވި ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ، ޕާކިސްތާނުގައި ކުރިއަށްދާ އީރާނާއި އެމެރިކާގެ ވާހަކަތަކަށް ޖަރުމަނުން މަރުހަބާ ކިޔާ ކަމަށާއި، އެއީ އަމަލީ މަޝްވަރާތަކެއް ކުރަންޖެހޭ ވަގުތު ކަމަށެވެ.  

މިދިޔަ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށި ފަހުން ސަރަހައްދީ ހަމަނުޖެހުންތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. އީރާނުން ވަނީ މީގެ ބަދަލުހިފުމުގެ ގޮތުން އިސްރާއީލަށާއި ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ތަކުރާރުކޮށް ޑްރޯން އަދި މިސައިލް ހަމަލާތައް ދީފައެވެ. ޖަރުމަނުން މިހާރު މަސައްކަތް ކުރަމުންދަނީ މި ހަނގުރާމައިގެ ތެރެއަށް ނުވަދެ، ސުލްހަވެރި ހައްލެއް ހޯދުމަށެވެ.

Advertisement

ކޮމެންޓް