Advertisement

ތިން ކޮޓަރީގެ ފްލެޓްތަކުގެ އަގަކީ މަހަކު ގާތްގަނޑަކަށް 10 ހާސް ކަމަށް ބެލެވޭ: ޝަރީފް

25 Mar 2026 | 15:32
ބީއެމްއެލް އިން އިމާރާތްކުރާ 1،224 ހައުސިންގް ޔުނިޓުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވާހަކަދައްކަވަނީ /ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެފޯޑަބަލް ހައުސިންގް ޕްރޮގްރާމްގެ ދަށުން އިމާރާތްކުރާ ތިން ކޮޓަރީގެ ފްލެޓްތަކުގެ މަހު ކުއްޔަކީ ގާތްގަނޑަކަށް 10،000 ރުފިޔާ ކަމަށް ބެލެވޭ ކަމަށް އެ ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ގުޅިގެން ކުރިއަށްގެންދާ 'އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގް' އިނީޝިއޭޓިވްގެ ދަށުން، މާލެ ސަރަހައްދުގައި 3،260 ފްލެޓް އެޅުމުގެ މަސައްކަތް ބެލެހެއްޓުމަށް ބީއެމްއެލް އިން ވަނީ 'ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގް' ގެ ނަމުގައި ސަބްސިޑިއަރީ ކުންފުންޏެއް އުފައްދާފައެވެ.

Advertisement

މި ބޮޑު މަޝްރޫއުގެ ދަށުން ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްފައިވާ 1،224 ޔުނިޓުގެ ބިންގާ ބޭންކުން ދާދި ފަހުން ވަނީ އަޅާފައެވެ.

"އެފޯޑަބަލް ފްލެޓް މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ހަގީގަތުގައިވެސް އަތްފޯރާފަށުގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުން،" ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވިއެވެ. މި ފްލެޓްތައް ދޫކުރާނީ 'ލީސް-ޓޫ-އޯން' (ކުލި ދައްކާ ނިމުމުން މިލްކުވާ ގޮތަށް) ނުވަތަ މަހުން މަހަށް ކުލި ދައްކާ އުސޫލުންނެވެ.

ޝަރީފް ވިދާޅުވީ ފައިނަލް އަދަދުތައް އަދި ކަށަވަރު ނުވި ނަމަވެސް، މިހާތަނަށް ހެދިފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި ތިން ކޮޓަރީގެ ފްލެޓެއްގެ މަހު ކުއްޔަކީ ގާތްގަނޑަކަށް 10،000 ރުފިޔާއެވެ.

އާންމު މާކެޓުގައި މިފަދަ އެޕާޓްމަންޓްތަކުގެ އަގު އުޅެނީ 25،000 އާއި 30،000 ރުފިޔާއާ ދެމެދުގައެވެ. "މީގެ ސަބަބުން ފްލެޓް ލިބޭ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ،" އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް އިން އިމާރާތްކުރާ 3،260 ފްލެޓްގެ ތަފްސީލް: މި މަޝްރޫއުތައް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރުން ވަނީ 2028 ވަނަ އަހަރުގެ ނިޔަލަށް ހުރިހާ ފްލެޓެއް ނިންމުމަށް އެއްބަސްވެފައެވެ. ފްލެޓްތައް ބެހިފައިވާ ގޮތަކީ:

1،224 ފްލެޓް – ސީއެމްއީސީ (ހުޅުމާލެ ފޭސް ތިނެއް)

1،190 ފްލެޓް – ބީޔޫސީޖީ (ހުޅުމާލެ ފޭސް ތިނެއް)

364 ފްލެޓް – އަމީން ކޮންސްޓްރަކްޝަން (ހުޅުމާލެ ފޭސް އެކެއް)

182 ފްލެޓް – އެފްޑަބްލިއު ކޮންސްޓްރަކްޝަން (ހުޅުމާލެ ފޭސް އެކެއް)

300 ފްލެޓް – ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (ވިލިމާލެ)

Advertisement

ކޮމެންޓް