ދިގުރަށު އަލިފާނުގެ ހާދިސާ: ސަދަރު އަލީ އާއި ޝަފީޤުލް އިސްލާމްގެ ހަށިގަނޑު މިއަދު ބަންގްލަދޭޝް އަށް
ދިވެހިރާއްޖޭގައި މިދިޔަ ބުރާސްފަތި ދުވަހު ކައްކާ ގޭސް ސިލިންޑަރެއް ގޮވައި ހިނގި ހާދިސާގައި މަރުވި ބަންގްލަދޭޝްގެ ދެ ރައްޔިތުން ކަމަށްވާ ސަދަރު އަލީ އާއި ޝަފީގުލް އިސްލާމްގެ ހަށިގަނޑު މިއަދު އެގައުމަށް ގެންދާނެ ކަމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.
ވެރިރަށް މާލެއާ ގާތްގަނޑަކަށް 100 ކިލޯމީޓަރު ދުރުގައި އޮންނަ އދ. ދިގުރަށުގެ ގެސްޓްހައުސްއެއްގައި ހިނގި މި އަލިފާނުގެ ހާދިސާގައި ބަންގްލަދޭޝްގެ ޖުމްލަ ފަސް މީހުން ވަނީ މަރުވެފައެވެ. މަރުވި މީހުންނަކީ ތާޖުއްދީން އިސްލާމް، ސަދަރު އަލީ، ރޮބިން މުއްލާ، ޝަފީގުލް އިސްލާމް އަދި ނޫރުއްނަބީ ސަރުކާރުއެވެ. މީގެ އިތުރުން މި ހާދިސާގައި ޖަމާލުއްދީން އާއި ސައްދާމް ހުސައިން ވަނީ ޒަހަމްވެފައެވެ.
ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހާދިސާގެ ހަބަރު ލިބުމާއެކު ރާއްޖޭގައި ހުންނަވާ ބަންގްލަދޭޝްގެ ހައިކޮމިޝަނަރު ނަޒްމުލް އިސްލާމް އާއި އެހެނިހެން އޮފިޝަލުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް (އައިޖީއެމްއެޗް) ޒިޔާރަތްކޮށް، ޒަހަމްވި މީހުންގެ ފަރުވާގެ ކަންކަން އޮޅުންފިލުއްވާފައިވާ ކަމަށެވެ.
ހައިކޮމިޝަނަރު ވަނީ ގަލޮޅު މޯޗަރީއަށް ޒިޔާރަތްކޮށް މަރުވި މީހުންނަށް އިހުތިރާމް އަދާކުރައްވައި، ވީ އެންމެ އަވަހަކަށް ހަށިގަނޑުތައް ބަންގްލަދޭޝްއަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާކަން ކަށަވަރުކޮށްދެއްވާފައެވެ. ހައިކޮމިޝަނަރު ޑރ. މުހައްމަދު ނަޒްމުލް އިސްލާމް އާއި އެމްބަސީން ދަނީ މަރުވި މީހުންގެ އާއިލާތަކާ މެދުނުކެނޑި ގުޅުން ބާއްވައި، އެ ފަރާތްތަކަށް ބޭނުންވާ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެމުންކަން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، މަރުވި މީހުންނަށް ހައްގުވާ ބަދަލު ހޯދައިދިނުމަށްޓަކައި އެމީހުން ވަޒީފާ އަދާކުރި ކުންފުންޏާ ވެސް ހައިކޮމިޝަނަރު ވަނީ ގުޅުއްވާފައެވެ. މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު ބަންގްލަދޭޝްގެ ދެ މީހުން އިތުރު ފަރުވާއަށް މާލޭގެ ހޮސްޕިޓަލަކަށް ބަދަލުކޮށްފައިވާ ކަމަށާއި، އެމީހުންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށްވެސް އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.