ދިގުރަށު އަލިފާނުގެ ހާދިސާ - ނިޔާވި އެކަކީ ސަދަރު އަލީ - ޢީދަށް އުފާވެރި އުންމީދެއް ކޮށްގެން ތިބި ޢާއިލާއަށް ލިބުނީ ޝޮކެއް !
ދިގުރަށުގައި އިއްޔެ ފަތިހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މަރުވި ބަންގްލަދޭޝްގެ ފަސް މީހުންގެ ތެރޭގައި، ބަނިއަޗޮންގް އުޕަޒިލާގެ ހަބީގަންޖަށް ނިސްބަތްވާ ސަރަދު އަލީ ހިމެނޭކަން ކަށަވަރުވެއްޖިއެވެ.
މި ހާދިސާއާއެކު އޭނާގެ އާއިލާއަށް ވަނީ ކުއްލި ސިހުމަކާއި ފުން ހިތާމައެއް ލިބިފައެވެ.
އުމުރުން 50 އަހަރުގެ ސަރަދަކީ އާއިލާގެ ދިރިއުޅުން އާރާސްތުކުރުމަށްޓަކައި ފާއިތުވި ދެ އަހަރު ރާއްޖޭގައި ކޮންސްޓްރަކްޝަން މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި މީހެކެވެ. އޭނާ ނިޔާވުމުގެ މަދު ގަޑިއިރުތަކެއް ކުރިން، ބުރާސްފަތި ދުވަހުގެ ރޭ ތަރާވީހް ނަމާދަށްފަހު އާއިލާއަށް ގުޅައި، ކުރިއަށް އޮތް އީދު ޝޮޕިންގެ ކަންކަމާ ބެހޭގޮތުން ވަނީ ވާހަކަދައްކާފައެވެ.
އޭނާގެ ދޮށީ ދަރިފުޅު ރިޔާ އަޚްތަރު ބުނި ގޮތުގައި، ބައްޕަ މަރުވި ޚަބަރު ލިބުނީ އާއިލާގެ އެންމެން ހާރުކާން ތިއްބައެވެ. "އައްބު (ބައްޕަ) އާއިލީ އެކި ކަންކަމާ ބެހޭގޮތުން ވާހަކަދެއްކި، އޭގެ ތެރޭގައި އީދު ޝޮޕިންގްގެ ވާހަކަވެސް ހިމެނޭ،" ރިޔާ ކިޔައިދިނެވެ. އޭނާ އިތުރަށް ބުނީ ބައްޕަގެ ނަންބަރުން ފޯނެއް އައުމުން ފޯނު ނެގި ކަމަށާއި، ނަމަވެސް އެކޮޅުން ވާހަކަދެއްކި މީހާ ބޭނުންވީ އާއިލާގެ އެހެން މެންބަރަކާ ވާހަކަދައްކަން ކަމަށެވެ. ބައްޕަ މަރުވި ޚަބަރު ލިބުމާއެކު މުޅި އާއިލާގެ އީދު އުފާވެރިކަން ހިތާމައަށް ބަދަލުވެގެން ދިޔައެވެ.
ސަދަރުގެ މަރުވިއިރު އޭނާގެ އަތްންބަކާއި ތިން ދަރިން ތިބެއެވެ. އޭނާ ރާއްޖެއަށް މަސައްކަތް ކުރަން އައީ ގާތްގަނޑަކަށް 10 ލައްކަ ޓާކާގެ ބޮޑު ލޯނެއް ނަގައިގެން ކަމަށް އަވަށްޓެރިންނާ ހަވާލާދީ ބަންގްލަދޭޝްގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ. އޭނާގެ އާމްދަނީއަށް މުޅި އާއިލާ ބަރޯސާވެފައިވާއިރު، އެ ލޯނު އަދިވެސް އޮތީ ނުދެއްކި ކަމަށާއި މި ހާދިސާގެ ސަބަބުން އެ އާއިލާގެ މުސްތަގުބަލާމެދު މިހާރު ވަނީ ބޮޑު ސުވާލެއް އުފެދިފައި ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ބްލޮކެއްގައި ހިނގި މި ހާދިސާގައި ބަންގްލަދޭޝްގެ ފަސް މީހުން މަރުވެފައިވާއިރު، އިތުރު ދެ މީހަކަށް ލިބިފައިވާ ސީރިއަސް އަނިޔާތަކަކަށް ދަނީ ފަރުވާ ދެމުންނެވެ. އަވަށުގެ ރައްޔިތުންނާއި އާއިލާއިން މިހާރު އެދެމުންދަނީ ސަދަރުގެ ހަށިގަނޑު ވީހާވެސް އަވަހަކަށް ގައުމަށް ފޮނުވައިދިނުމަށާއި، ހާލުގައި ޖެހިފައިވާ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.