ރާއްޖެއަށް އަހަރުގެ އެންމެ ހޫނުގަދަ ދުވަސްވަރު: މާރިޗާއި އޭޕްރިލްގައި ހޫނުމިން އިތުރުވާނެކަމަށް މެޓް އޮފީހުން ބުނެފި
ރާއްޖޭގެ އަހަރީ ހޫނުމިން އެންމެ މަތިވާ ދުވަސްވަރު މިހާރު ފެށިފައިވާކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.
އެ އިދާރާއިން ލަފާކުރާ ގޮތުގައި، މާރިޗް އަދި އޭޕްރިލް މަހުގައި ވައިގެ ހޫނުމިން އިތުރުވެ، އިހުސާސްކުރެވޭ ހޫނުމިން އާންމު މިންގަނޑަށްވުރެ މަތިވާނެއެވެ.
މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުގައި، މާރިޗު އަދި އޭޕްރީލް މި ދެ މަސް ދުވަހަކީ ރާއްޖޭގެ ސަރަހައްދަށް ހޫނުމިން އެންމެ މައްޗައް ދާ ދުވަސްވަރަށްވާއިރު، މި ދުވަސްވަރުގައި ވިލާ މަދުވެ، ވައި މަޑުވެ، އަދި ވައިގެ ތެތްކަމުގެ ނިސްބަތް މަތީގައި ހިފަހައްޓާނެއެވެ. މެޓް އޮފީހުން ދީފައިވާ ތަފްސީލުތަކަށް ބަލާއިރު، މި މޫސުމުގައި ދުވާލުގެ ހޫނުމިން މަތިވެގެންދާވަރާއި، ރޭގަނޑުގެ ފިނިކަން ދަށްވެގެންދާވަރު އަޅާބަލާއިރު، ދެމެދުގެ ފަރަގު ކުޑަވެގެންދާނެއެވެ. މިހެންވުމުން، އާންމު ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން މަތިވެގެންދާކަމަށް ބުނެފައިވެެއެެވެ.
ވައިގެ ތެތްކަމުގެ ނިސްބަތް މަތިވުމަކީ، މި ދުވަސްވަރުގައި ހޫނުގަދަކަން އިތުރުވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް މޫސުމާބެހޭ ތަޖުރިބާކާރުން ބުނެއެވެ. ވައިގެ ތެތްކަން މަތިވުމުން، އިންސާނާގެ ހަށިގަނޑުން ދަމުން ބޭރުކުރުމުގެ ޤާބިލްކަން ދަށްވެ، ހަށިގަނޑުގެ ފިނިކުރުމުގެ ނިޒާމް ރަނގަޅަށް މަސައްކަތް ނުކުރުމުން، އިހުސާސްކުރެވޭ ހޫނުމިން މަތިވެގެންދާކަމަށް ތަޖުރިބާކާރުން ބުނެއެވެ. އޭޕްރިލް މަހަށް ލަފާކުރެވޭ ގޮތުންވެސް، އާންމު ގޮތެއްގައި ހުންނަވަރަށްވުރެ ފިނިހޫނުމިން މަތިވުމުގެ ފުރުސަތު ބޮޑުކަމަށް މެޓް އޮފީހުން ދައްކައިފައިވެއެވެ. މިއީ ރާއްޖޭގެ މޫސުމީ ނަމޫނާތަކާއި އެއްގޮތަށް، އަހަރުގެ މި ދުވަސްވަރުގައި އާންމުކޮށް ދިމާވާ ކަމެއްކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި، މި މަހުގެ ފަހުކޮޅާއި އޭޕްރިލް މަހުގެ ކުރީކޮޅު ދުވަސްވަރު، ދުވާލުގެ ހޫނުމިން 31 ޑިގްރީ ސެލްސިއަސް އާއި 33 ޑިގްރީ ސެލްސިއަސްގެ ދެމެދުގައި ހުންނާނެކަމަށް ލަފާކުރެވެއެވެ. އަދި އިހުސާސްކުރެވޭ ހޫނުމިން 35 ޑިގްރީ ސެލްސިއަސް އާއި 38 ޑިގްރީ ސެލްސިއަސްގެ ދެމެދުގައި ހުންނާނެކަމަށްވެސް މެޓުން ލަފާކޮށްފައިވެއެވެ.
އެ އޮފީހުގެ އާންމު ވައިބާ ގުރޫޕުގައި، ކޮންމެ ދުވަހަކު ތިން ވަގުތެއްގައި، މޫސުމާބެހޭ ޕޮއިންޓް ތަކުން ނަގާ ވައިގެ ފިނިހޫނުމިނާއި، އިހުސާސްކުރެވޭ ފިނިހޫނުމިން އާއްމުކުރާނެކަމަށް އެ އޮފީހުން ބުނެފައިވެއެވެ. އެގޮތުން، ކޮންމެ ދުވަހަކު ހެނދުނު 11:00 ގައި، މެންދުރުފަހު 14:00 ގައި، އަދި ހަވީރު 17:00 ގައި މި މަޢުލޫމާތު އާއްމުކުރާނެކަމަށް ބުނެފައިވެއެވެ.
ދުވަހުގެ ހޫނުމިން އާއްމު ގޮތެއްގައި އެންމެ މައްޗަށް ދާނީ މެންދުރުފަހު 14:00 ހާއިރުކަމަށް މެޓް އޮފީހުން ބުނެފައިވާއިރު އެ ވަގުތުގައި ބޭރަށް ނުކުމެ މަސައްކަތްކުރާ މީހުން ހާއްސަކޮށް ސަމާލުކަން ދޭންޖެހޭކަމަށް ސިއްޙީ ތަޖުރިބާކާރުން ލަފާދެއެވެ.