ތަރާވީޙް ނަމާދަށް ހުރަސް ނޭޅޭ ގޮތަށް ކްލާސްތައް ގެންދިއުން މުހިންމު: ވަޒީރު ޝަހީމް
ބައެއް ކޮލެޖްތަކުން ރަމަޟާން މަހުގެ ފަހު ދިހައިގައި ވެސް ތަރާވީޙް ނަމާދު ގަޑީގައި ރޭގަނޑު ކްލާސްތައް ޝެޑިއުލްކުރާ މައްސަލައިގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ވަޒީރު ޝަހީމް ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބައެއް ކޮލެޖްތަކުން ފަހު ދިހައިގައި ވެސް ތަރާވީޙް ނަމާދު ގަޑީގައި ރޭގަނޑު ކްލާސްތައް ޝެޑިއުލްކުރާތީ ބައެއް ދަރިވަރުން ޝަކުވާ ހުށަހަޅަމުންދާ ކަމަށެވެ. އެފަދަ ގޮތަކަށް ކްލާސްތައް އިންތިޒާމުކުރާ ކޮލެޖްތަކުން ތަރާވީޙް ނަމާދަށް ހުރަސް ނޭޅޭ ގޮތަށް ކްލާސްތައް ގެންދިއުން ވަރަށް މުހިންމު ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިއަދަކީ މި ހިނގާ ރަމަޟާން މަހުގެ ފަހު ދިހައެއް ފެށުނު ދުވަހެވެ.