Advertisement

އަންހެނުންގެ ކޮމިޓީގެ މަސައްކަތް ބައްޓަންކުރުމާ ގުޅޭގޮތުން އަލައިކާ އެލްޖީއޭއާ ބައްދަލުކުރައްވައިފި

02 Mar 2026 | 00:27
-

މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާން، ކައުންސިލާ ގުޅިގެން ކޮމިޓީގެ މަސައްކަތް ބައްޓަންކުރެވޭނެ ގޮތްތަކާއި ލާމަރުކަޒީ ޤާނޫނަށް އައި ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އާ ބައްދަލުކުރައްވައިފިއެވެ. 

މި ބައްދަލުވުން ބާއްވާފައިވަނީ އިއްޔެގެ ހެނދުނު އެލްޖީއޭގެ އިދާރާގައެވެ. ބައްދަލުވުމުގައި މާލެ ސިޓީގެ އ.ތ.މ ކޮމިޓީގެ ދާއިރާތަކަށް ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނާއި އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލު އަދި އެ އިދާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އެލްޖީއޭއިން ވަނީ ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންޑޭޓަށް އައިސްފައިވާ ބަދަލުތަކާ ގުޅޭ މަޢުލޫމާތު ހިއްސާކޮށްފައެވެ.

Advertisement

އަލައިކާ އާއި ކެންޑިޑޭޓުން ވަނީ ކޮމިޓީގެ މެންޑޭޓް ފުޅާވެގެންދާއިރު، ނަތީޖާ ޙާޞިލުކުރެވޭނެ ގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށީގެންވާ ވަޞީލަތްތަކާއި ފަންނީ އެހީތެރިކަން ބޭނުންވާނެކަން ފާހަގަކޮށްފައެވެ. އެގޮތުން އ.ތ.މ ކޮމިޓީގެ ބަޖެޓް އެކުލަވާލުމާއި ބަޖެޓް ހޯދުމުގައި އެލްޖީއޭގެ އެހީތެރިކަން ލިބޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނުކަަމަށް ބުނެފައިވެއެވެ. 

މީގެ އިތުރުން ކައުންސިލާއި އ.ތ.މ ކޮމިޓީތަކާ ދެމެދު ރަނގަޅު ގުޅުމެއް ޤާއިމުކުރުމާއި، ލާމަރުކަޒީ ޤާނޫނަށް އައި އިސްލާހުތަކަށް ޢާންމުން ހޭލުންތެރިކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނު ކަމަށާއި އެލްޖީއޭއިން ވަނީ މި ބަދަލުތަކަށް ޢާންމުން ހޭލުންތެރިކުރުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނާއެކު މަޝްވަރާކުރާނެ ކަމަށާއި، ކައުންސިލްތަކާއި އ.ތ.މ ކޮމިޓީތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ބުނެފައިވެއެވެ. 

Advertisement

ކޮމެންޓް