އައްޑޫ ސިޓީގެ އިދާރީ ދާއިރާތަކަށް އައި ބަދަލު ރައީސް ރަސްމީކޮށް އިޢުލާނުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އައްޑޫ ސިޓީ އާއި އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫގެ އިދާރީ ދާއިރާތަކުގެ އިޚްތިޞާޞަށް ބަދަލު ގެންނަވައި، އެ ބަދަލުތައް ރަސްމީކޮށް އިޢުލާނުކުރައްވައިފިއެވެ.
މި ބަދަލުތައް ގެންނަވާފައިވަނީ، އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެނައުމަށް ޓަކައި، 2025 ވަނަ އަހަރުގެ އޮކްޓޫބަރު 25 ގައި ބޭއްވި ޢާންމު ވޯޓުގެ ނަތީޖާއާ ގުޅިގެންނެވެ. އެ ވޯޓުގައި ބައިވެރިވެފައިވަނީ އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ، އަދި މީދޫގެ ރައްޔިތުންނެވެ.
އެ ވޯޓުގެ ނަތީޖާއާ ގުޅިގެން، އައްޑޫ ސިޓީގެ އިޚްތިޞާޞްގެ ބައެއްގެ ގޮތުގައި ކުރިން އޮތް ހުޅުދޫ އާއި މީދޫ މިހާރު ވަނީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. އައްޑޫ ސިޓީ ވެސް ވަނީ އަލުން ކަނޑައަޅުއްވާފައެވެ.
މި ބަދަލުތައް އެކަށައަޅުއްވައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2026/3، 2026/4 އަދި 2026/5 ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. އެ ދާއިރާތަކުގެ އިޚްތިޞާޞް ދައްކުވައިދޭ ޗާޓުތައް އެ ޤަރާރުތަކުގެ ޖަދުވަލުގައި ވަނީ ހިމަނުއްވާފައެވެ.