ތިލަމާލެ ބްރިޖުގެ ކަނޑުއޮޅިތަކުން ދަތުރު ނުކުރަން އަނެއްކާވެސް އަންގައިފި
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާތީ، މާލެ އާއި ތިލަފުއްޓާ ދެމެދުގައިވާ ކަނޑުއޮޅިތަކުން ދަތުރު ނުކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން އަނެއްކާވެސް އަންގައިފިއެވެ.
މި އެންގުން އައިސްފައިވަނީ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުތަކުން އުޅަނދުފަހަރު ދަތުރުކުރުމަކީ ރައްކާތެރިކަމަކަށް ނުވާތީއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާލެ-ވިލިމާލެ، ވިލިމާލެ-ގުޅިފަޅު އަދި ގުޅިފަޅު-ތިލަފުށި ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރުމަކީ ރައްކާތެރިކަމަކަށް ނުވާތީ، އެ ތިން ކަނޑުއޮޅި ބަންދުކޮށްފައިވާކަން މާޗު ތިނެއް، 2024 ގައިވެސް އާންމުކޮށް އަންގާފައިވާނެ ކަމަށެވެ. " މި ތިން ކަނޑުއޮޅި ބަންދުކޮށްފައި ވާތީ، އެ ސަރަހައްދުން ކަނޑު އުޅަނދުފަހަރު ދަތުރު ނުކުރުމަށް އާންމުކޮށް އަންގާ އިއުލާން ކުރީމެވެ". މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.
މި އެންގުން އަލުން އާންމުކުރި ސީދާ ސަބަބެއް މިނިސްޓްރީން ހާމަކޮށްފައި ނުވި ނަމަވެސް، ބަންދުކޮށްފައިވާ ކަނޑުއޮޅިތަކުން ބައެއް އުޅަނދުފަހަރު ދަތުރުކުރާ މަންޒަރު ފެންނަ ވީޑިއޯތައް ދޭތެރެއަކުން ސޯޝަލް މީޑިއާގައި ދައުރުވަމުންދެއެވެ. މިއީ ބްރިޖުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދަތުރުވެރިންގެ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކަމަށް ބެލެވެއެވެ.
އިންޑިއާގެ އެފްކޮންސް ކުންފުނިން ތަރައްގީކުރަމުން އަންނަ 6.7 ކިލޯމީޓަރުގެ މި ބްރިޖުގެ 60 އިންސައްތަ މަސައްކަތް މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ވަނީ ނިމިފައެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ބްރިޖު އެޅުމަށްޓަކައި މޫދުގެ އަޑީގައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ.
ތިލަމާލެ ބްރިޖަކީ މާލެ ސަރަހައްދުގައި މިހާތަނަށް ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއެވެ. ޖުމްލަ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވާ މި މަޝްރޫއަށް ފަންޑުކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓަކާއި، އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުންނެވެ.