އެޗްޑީސީގެ ރިހި ޔޫބީލް ފާހަގަކުރަން މުޅި އަހަރަށް ދެމިގެންދާ ކުލަގަދަ ހަރަކާތްތަކެއް
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، މާޗް މަހުން ފެށިގެން ޑިސެންބަރުގެ ނިޔަލަށް ދެމިގެންދާ 10 ޚާއްޞަ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.
"ރިހި ޔޫބީލް" ގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތްތަކުގައި، ކުންފުނީގެ ތާރީޚު ފާހަގަކުރުމާއި، މުޖުތަމައާ ގުޅުން ބަދަހިކުރުމާއި، ހުޅުމާލޭގެ ކުރިމަގަށް ތަސައްވުރު އާކުރުން ހިމެނެއެވެ.
މި ދަތުރު ފެށޭނީ މާޗް މަހު "ފައުންޑާޒް ޓްރިބިއުޓް" އަދި "ސިލްވާ ވޯކް ވިތް ޓީމް އެޗްޑީސީ" ގެ ނަމުގައި ހިންގާ ޑިޖިޓަލް ކެމްޕެއިނަކުންނެވެ. މި ކެމްޕެއިންގައި އެޗްޑީސީ އުފެއްދުމުގައި އިސް ދައުރު އަދާކުރެއްވި ބޭފުޅުންނާއި، ކުންފުނީގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރެއްވި މުވައްޒަފުންގެ ވާހަކަތައް ގެނެސްދޭނެއެވެ. ހުޅުމާލެ މިއަދު ފެންނަ ސިފައަށް ބައްޓަންކުރި އަތްތަކުގެ ވާހަކައިން، 25 އަހަރުގެ ދަތުރުގެ ބިންގާ ހަނދާން އާކޮށްދޭނެއެވެ.
އޭޕްރީލް މަހު ބާއްވާ "އެނިވާސަރީ ގާލާ އިވެންޓް" ވެގެންދާނީ މި މުޅި އަހަރީ ފާހަގަކުރުމުގެ އެންމެ ކުލަގަދަ ހަފުލާއަށެވެ. ސިނާއަތުގެ އިސް ބޭފުޅުންނާއި، ޕާޓްނަރުންނާއި، އިއްޒަތްތެރީން އެއް ތަނަކަށް ޖަމާވާ މި ހަފުލާގައި، އެޗްޑީސީގެ ދަތުރު ބައްޓަންކުރުމުގައި ޚިދުމަތްތެރި ބޭފުޅުންނަށް ޚާއްޞަ އެވޯޑު ދެވޭނެއެވެ. މީގެ އިތުރުން، "އަހަރެންގެ ހުޅުމާލެ" ފޮތް މި ހަފުލާގައި ރަސްމީކޮށް ނެރެވޭނެއެވެ.
މެއި މަސް ޚާއްޞަވަނީ މުޖުތަމައުގެ ބައިވެރިވުމަށެވެ. "މައި ހުޅުމާލެ ފެސްޓިވަލް" ގައި ހުޅުމާލޭގެ ދިރުން ދައްކުވައިދޭނީ ދިވެހި ހުނަރުވެރީންނާއި، ސަގާފީ ހަރަކާތްތަކާއި، ކުދި ވިޔަފާރިތަކުގެ ފެއާއަކުންނެވެ. ހުޅުމާލެ ގެއަކަށް ހަދައިދޭ މުޖުތަމައުގެ ކުލަތައް މި ފެސްޓިވަލުން ފެނިގެންދާނެއެވެ. ހަމަ މެއި މަހު ފެށޭ "ސިލްވާ ވޮއިސަސް" ސީރީޒްގައި، ހުޅުމާލޭގެ އެންމެ ދުވަސްވީ ރައްޔިތުންނާއި، ޒުވާން ހުވަފެންވެރީންނާއި، އާއިލާތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހަގީގީ ވާހަކަތައް ގެނެސްދޭނެއެވެ. ރައްޔިތުންގެ ދުލުން، 25 އަހަރުގައި އެޗްޑީސީ ދިރިއުޅުމަށް ގެނެސްދިން ބަދަލުގެ ވާހަކަ ކިޔައިދޭނެއެވެ.
ޖޫން މަހު އެޗްޑީސީގެ މުވައްޒަފުންގެ އަހަރީ ހަފުލާ ބާއްވާއިރު، މި ހަފުލާ ޚާއްޞަވާނީ ކުންފުނީގެ ކާމިޔާބީގެ ފަހަތުގައި ތިބި މުވައްޒަފުންގެ ހީވާގި މަސައްކަތާއި ޓީމް ސްޕިރިޓް ފާހަގަކުރާ ރެއެއްގެ ގޮތުގައެވެ. ޖުލައި މަހު، މިނިވަން ދުވަހުގެ ޕެރޭޑުގައި އެޗްޑީސީ ބައިވެރިވާނީ "ފުޅަނދުބުރު" ގެ ނަމުގައި ޚާއްޞަ ފުޅަނދަކާ އެކުގައެވެ. ގައުމު ބިނާކުރުމާއި ޝަހަރީ ތަރައްގީގައި އެޗްޑީސީގެ ދައުރު ދައްކުވައިދޭ މި ފުޅަނދު ވެގެންދާނީ ޕެރޭޑުގެ ފާހަގަކޮށްލެވޭ މަންޒަރަކަށެވެ.
އޮގަސްޓް މަހު ބާއްވާ "އާޓް ފެސްޓިވަލް 2026" ގައި ފަންނުވެރިކަމާއި އުފެއްދުންތެރިކަން ފާހަގަކުރާނެއެވެ. މި ހަރަކާތުގެ ތަފުސީލު ފަހުން ހާމަކުރާ ގޮތަށް ހަމަޖެހިފައިވާއިރު، އެޗްޑީސީން ބުނީ މިއީ ހުޅުމާލޭގެ ފަންނީ މުޖުތަމައަށް ޚާއްޞަ ހަރަކާތެއް ކަމަށެވެ. އޮކްޓޯބަރު މަހު "ކާނިވާ" ގެ ނަމުގައި ބާއްވާ ބޮޑު ހަރަކާތަކީ ހުރިހާ އުމުރެއްގެ ބައިވެރީންނަށް ހުޅުވައިލެވޭ، ކުޅިވަރާއި މުނިފޫހިފިލުވުމާއި ކެއުންބުއިމުގެ ތަޖުރިބާތަކުން ފުރިގެންވާ ހަރަކާތެކެވެ.
ނޮވެންބަރު މަހު އެޗްޑީސީގެ މުވައްޒަފުން ކުޑަގިރިއަށް ގޮސް، "އެނިވާސަރީ ސްޓާފް ރިޓްރީޓް" ބާއްވާނެއެވެ. 25 އަހަރުގެ ދަތުރަށް ފަހު، ޓީމެއްގެ ގޮތުގައި ހަމަޖެހިލައި، ގުޅުން ބަދަހިކޮށް، ކުރިއަށް ދާންވީ މިސްރާބު ކަނޑައެޅުމަށް ވަގުތު ހޯދާ ރިޓްރީޓެކެވެ. އަދި ޑިސެންބަރު މަހު "ރިވައިންޑް 2026" ގެ ނަމުގައި، މުޅި އަހަރު ދުވަހުގެ ޚާއްޞަ ހަނދާންތައް ވިޝުއަލް ކެމްޕެއިނަކުން އަލުން ގެނެސްދީ، ރިހި ޔޫބީލްގެ ފޮނި ނިންމާލުމެއް ފާހަގަކުރާނެއެވެ.
ހުޅުމާލެ ތަރައްގީވެ، ދިވެހިރާއްޖޭގެ އެންމެ ބޮޑު ޝަހަރީ މަރުކަޒަށް ވެފައިވާއިރު، މި ރިހި ޔޫބީލް ހަރަކާތްތައް ރަމްޒުކޮށްދެނީ ހަމައެކަނި 25 އަހަރުގެ ތާރީޚެއް ނޫނެވެ. އެއީ މުޖުތަމައެއް ބިނާވެ، ކުރިއަރައި، ފައްކާވަމުން އައި ވާހަކައެވެ.