މޯދީ އިސްރާއީލަށް ކުރާ ދަތުރާ ދިމާކޮށް އިންޑިއާ މީހުން އީރާނުން ފައިބަން އަންގައިފި!
އެމެރިކާއިން އީރާނަށް ހަމަލާއެއް ދީފާނެ ކަމުގެ ބިރު ހީވެފައިވާތީ އިންޑިއާގެ ރައްޔިތުން އީރާނުން ފޭބުމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އަންގައިފިއެވެ.
ތެހެރާނުގައި ހުންނަ އިންޑިއާ އެމްބަސީން ވަނީ 23 ފެބްރުއަރީ 2026 ވީ ހޯމަ ދުވަހު އީރާނުގައި ތިބި އިންޑިއާގެ ހުރިހާ ރައްޔިތުން އެ ގައުމު ދޫކޮށް ދިއުމަށް އިލްތިމާސްކޮށްފައެވެ.
މި އެޑްވައިޒަރީ ނެރެފައި މި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ދައުވަތަކަށް މި މަހުގެ 25 ވަނަ ދުވަހު އިސްރާއީލަށް ދަތުރުކުރަން ހަމަޖެހިފައި ވަނިކޮށެވެ.
މި ދުވަސްވަރު އީރާނުގެ ސަރަހައްދީ ހަމަނުޖެހުންތައް އިތުރުވެ، އަސްކަރީ ހަރަކާތްތައް ހިންގުމާއި، ސަރުކާރާ ދެކޮޅު މުޒާހަރާތައް ދަނީ ހިންގަމުންނެވެ.
އީރާނުގައި ހުންނަ އިންޑިއާ އެމްބަސީން މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އީރާނުގެ ހާލަތު އޮތް ގޮތަށް ބަލާއިރު، މިހާރު އީރާނުގައި ތިބި އިންޑިއާގެ ހުރިހާ ރައްޔިތުން ވީ އެންމެ އަވަހަށް ލިބެން ހުރި ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކޮށްގެން އީރާނުން ފުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ.
މީގެ އިތުރުން އިންޑިއާގެ އެމްބަސީން ވަނީ މުޒާހަރާ ކުރާ ސަރަހައްދުތަކާއި ދުރުގައި ތިބުމަށާއި، އެ އެމްބަސީއާ ގުޅިގެން އެއްވެސް ކަމެއް ހިނގާތޯ ބެލުމަށާއި ލޯކަލް މީޑިއާތަކަށް ފޮލޯ ކުރުމަށް އެދިފައެވެ.