27 އަހަރުފަހުން ފިލްމު "ހަސީނާ މާން ޖާއެގީ" ގެ ދެވަނަ ބައެއް
ބޮލީވުޑްގެ ކޮމެޑީ ފިލްމުތަކުގެ ތެރެއިން ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދި، 27 އަހަރު ކުރިން ރިލީޒްކުރި "ހަސީނާ މާން ޖާއެގީ" ގެ ދެވަނަ ބައެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.
ޑޭވިޑް ދަވަން ޑައިރެކްޓްކުރި މި ފިލްމަކީ 90ގެ އަހަރުތަކުގައި ވަރަށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ. 1999 ވަނަ އަހަރު ރިލީޒްކުރި "ހަސީނާ މާން ޖާއެގީ"ގެ ލީޑް ރޯލް ކުޅެފައިވަނީ ގޯވިންދާ އާއި ސަންޖޭ ދަތު އެވެ.
އެ ފިލްމުގެ ތަރިންގެ ތެރޭގައި ކާދަރު ޚާން، ޕޫޖާ ބަޓްރާ، ކަރިޝްމާ ކަޕޫރު، އަދި އަނޫޕަމް ޚޭރު ވެސް ހިމެނެ އެވެ. އެންމެ 9 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމަކީ ބޮކްސް އޮފީހުގައި 27 ކްރޯޑް ރުޕީސް ހޯދި ފިލްމެކެވެ.
ރިޕޯޓުތައް ބުނާގޮތުން ޑައިރެކްޓަރު ޑޭވިޑް ދަވަން އާއި އެކު އެ މި ފިލްމުގެ ސީކުއެލް ހަދަން ބޭނުންވި ނަމަވެސް 'ޖުދުވާ' އާއި 'ކޫލީ ނަންބަރު 1' އަށް ފަހު ކުރީގެ އެއްވެސް ފިލްމެއް ރީމޭކް ކުރަން އޭނާ ބޭނުމެއް ނުވި އެވެ.
އެހެންކަމުން 2026 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ކާސްޓިން ފެށުމަށް ހަމަޖެހިފައިވާ އެ ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށް ފިލްމު ޑައިރެކްޓް ކުރާނީ ފަރުހާދު ސަމްޖީއެވެ.
ފަރުހާދު ސަމްޖީ ޑައިރެކްޓްކޮށްފައިވާ ބައެއް މަގުބޫލު ފިލްމުތަކުގެތެރޭ 2019 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ހައުސްފުލް 4" އާއި 2022ގައި ގެނެސްދިން "ބައްޗަން ޕާންޑޭ" އަދި 2023ގައި ރިލީޒްކުރި ފިލްމު "ކިސީ ކާ ބާއި ކިސީ ކީ ޖާން" ހިމެނެއެވެ.