Advertisement

ކުޑަކުދީން ރޯދައަށް ޝައުޤުވެރިކުރުވާނެ ގޮތް

21 Feb 2026 | 10:17
މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

ރަމަޟާން މަސް ކައިރިވަމުން އަންނައިރު، ގިނަ މައިންބަފައިންގެ ހިތުގައި އުފެދޭ ސުވާލަކީ ކުޑަކުދީން ރޯދައަށް ޝައުޤުވެރިކުރުވާނީ ކިހިނެއް ހެއްޔެވެ. ރޯދަ ހިފުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ނުބަލައި، ލޯބިވާ ކަމެއްގެ ގޮތުގައި ދަރިފުޅުގެ ހިތުގައި ބިންވަޅު ނެގުމަކީ ކޮންމެ މައެއް ބައްޕައެއްގެ ވެސް އެދުމެކެވެ.

ރޯދަމަހަށް ތައްޔާރުވުމާއި ރޯދަ މަހުގެ ކަންކަމުގައި ބައިވެރިކުރާން ފެށުން

ރޯދައަށް ޝައުޤުވެރިކުރުވުމުގެ ފުރަތަމަ ފިޔަވަޅަކީ ރަމަޟާން މަހުގެ ތައްޔާރީތަކުގައި ދަރިފުޅު ބައިވެރިކުރުމެވެ. ރޯދަ ވީއްލާ ސުފުރާ ތައްޔާރުކުރުމުގައި އެހީތެރިވާން ފުރުސަތު ދިނުމާއި، ހާރު ކެއުމަށް ދަރިފުޅު ހޭލައްވާ އެ މާހައުލުގައި ބައިވެރިކުރުމަކީ ރޯދައާ މެދު ޝައުޤު އުފެދޭނެ ކަމެކެވެ. ބޮޑެތި މީހުންނާ އެކު ހާރު ކައި، ދުޢާކޮށް، އެކުގައި ރޯދަ ވީއްލުމުން ދަރިފުޅަށް ލިބޭ އުފާވެރިކަމަކީ ފައިސާ ދީގެން ގަނެވޭނެ އެއްޗެއް ނޫނެވެ.

މަޑުމަޑުން ފެށުން

ކުއްލިއަކަށް މުޅި ދުވަހު ރޯދައެއް ނުހިއްފޭނެއެވެ. ފުރަތަމަ ބައި ދުވަހު ރޯދަ ހިފާފައި، ކެރިއްޖެ ނަމަ މެންދުރާ ހަމައަށް ދަންމާލާށެވެ. މިހެން ކޮންމެ އަހަރަކު މަޑުމަޑުން އިތުރުކުރަމުން ގެންދިޔައިމާ ދަރިފުޅަށް ރޯދައަކީ ބުރައެއް ކަމުގައި އިހުސާސެއް ނުވާނެއެވެ. ހަތް އަހަރުން ފެށިގެން ރޯދައަށް ހޭނުވުމަށް ދީނީ ޢިލްމުވެރީން ބާރު އަޅުއްވައެވެ.

ހިތްވަރު ދިނުމާއި ތަޢުރީފު ކުރުން

ދަރިފުޅު ރޯދައަށް ހުންނައިރު ހިތްވަރު ދޭށެވެ. "ދަރިފުޅު ވަރަށް މޮޅު، ﷲ ވަރަށް ރުހިވޮޑިގަންނަވާނެ" ފަދަ ބަސްތައް ބުނެލުމުން ދަރިފުޅުގެ ހިތްވަރު އެތައް ގުނައެއް އިތުރުވެއެވެ. ފުރަތަމަ ރޯދަ ފުރިހަމަކޮށްލެވޭ ދުވަހު ކުޑަ ހަދިޔާއެއް ނުވަތަ ޚާއްޞަ ކެއުމެއް ތައްޔާރުކޮށްލުމަކީ ވެސް ދަރިފުޅު ރޯދައަށް ލޯބި ޖެއްސުވުމަށް ކުރެވިދާނެ ކަމެކެވެ.

ރޯދައިގެ ބޭނުން ވިސްނައިދިނުން

ކުޑަކުދީންނަށް ރޯދައިގެ ހިކުމަތް އެކުދީންގެ ފެންވަރުގައި ކިޔައިދޭށެވެ. ބަނޑުހައިވާ މީހުންނަށް އެހީވުމުގެ މުހިންމުކަމާއި، ކެތްތެރިކަމާއި، ﷲ ރުއްސެވުން ހޯދުމުގެ ވާހަކަ ކުދީންގެ ބަހުން ކިޔައިދޭށެވެ. ރަމަޟާން މަހު ޞަދަޤާތް ދިނުމުގައި ދަރިފުޅު ބައިވެރިކުރުމުން، ރޯދައިގެ ރޫޙާނީ ފަރާތް ދަރިފުޅަށް އިހުސާސްވާނެއެވެ.

ރޯދައަށް ކުދީން ޝައުޤުވެރިކުރުވުމަކީ އެއް ދުވަހުން ވާނެ ކަމެއް ނޫނެވެ. ނަމަވެސް ލޯތްބާއި ކެތްތެރިކަމާ އެކު، ރީތި ނަމޫނާ ދައްކައިގެން ކުރިޔަށް ގެންދިޔައިމާ ރޯދައަކީ ދަރިފުޅު އިންތިޒާރުކުރާ މޫސުމަކަށް ހެދިދާނެއެވެ.

Advertisement

ކޮމެންޓް