ތިލަފުށީ މަރު: ލަންކާ މީހާގެ ބަންދަށް އިތުރު 45 ދުވަސް
ތިލަފުށީގެ ކުނިގަނޑެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ލަންކާ މީހާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އުމުރުން 32 އަހަރުގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަގެ ބަންދަށް ކޯޓުން މިފަހަރު ވަނީ 45 ދުވަސް އިތުރުކޮށްދީފައެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ ހެޝަން މަދުރަންގައަކީ ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި އެކްސްކަވޭޓަރު ދުއްވަން އިން މީހާއެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ ގަސްތަކާއި ނުލައި މީހަކު މެރުމުގެ ތުހުމަތުއެވެ. ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި އަމީން މިއާ ނިޔާވީ ޖެނުއަރީ 26 ވަނަ ދުވަހު ތިލަފުށީ ވެމްކޯ ސައިޓުގައި އެކްސްކަވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓުމުގެ ސަބަބުންނެވެ.
ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި، އަމީން މިއާ ވެއްޓިފައި އޮއްވައި އެކްސްކަވޭޓަރުން ކުނިތައް އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އޭނާގެ ހަށިގަނޑު ކުނިތަކާއެކު ބަދަލުވެ، ގައިމައްޗަށް ކުނިތައް އެޅިފައިވާކަން ސީސީޓީވީ ފުޓޭޖުން ފެންނަން އެބައޮތެވެ. ބަންދު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެކްސްކަވޭޓަރުގެ ދަތްގަނޑުން އަމީން މިއާގެ ގައިގައި ޖެހުނު ނަމަވެސް، އެކްސްކަވޭޓަރު ދުއްވަން އިން މީހާ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންގޮސްފައިވެއެވެ.
މީގެ އިތުރުން، ހައްޔަރުކުރި ލަންކާ މީހާއަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ މީހެއްކަން ތަހުގީގަށް ވަނީ އެނގިފައެވެ. އޭނާ ފިލައިގެން ދާން އުޅޭ ކަމަށް ބެލެވޭ ހެކިބަހެއް ލިބިފައިވާ ކަމަށްވެސް އައިއޯ ކޯޓުގައި ފާހަގަކޮށްފައިވެއެވެ. އަމީން މިއާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ ޖެނުއަރީ 28 ވަނަ ދުވަހުއެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފެށިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެރޭ އޭނާ މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ.