އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އަނެެއްކާވެސް ޓްރަމްޕް ދެއްވައިފި
އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އަނެެއްކާވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.
ރިޕޯޓުތައް ބުނާގޮތުން އެމެރިކާގެ އަސްކަރިއްޔާ އިން މިހާރު ތިބީ އީރާނަށް ހަމަލާ ދޭން ތައްޔާރުވެފަ އެވެ. ނަމަވެސް އެ ހަމަލާ ދިނުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ސީއެންއެންގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޓްރަމްޕު އޭނާގެ ޕްރައިވެޓް މީޓިންތަކުގައި، ހަމަލާ ދިނުމަށް ވެސް އަދި އެކަމާ ދެކޮޅަށް ވެސް ވާހަކަ ދައްކާފައިވާ ކަމަށާއި އަސްކަރިއްޔާ މިހާރު ހަނގުރާމައަށް ތައްޔާރުވެފައިވާ ކަމަށާއި ނަމަވެސް ނިންމަނީ ކޮން ގޮތަކަށް ކަމާ މެދު ވަކިގޮތަކަށް ހާމަކޮށްފައިނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށް ޓްރަމްޕް ވަނީ ތަކުރާރުކޮށް ގޮވާލައްވާފައެވެ.
ނިއު ޔޯކް ޓައިމްސް، ސީބީއެސް ނިއުސް އަދި ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ހަމަލާ ދިނުމަށް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ މެދުއިރުމަތީގައި ވައިގެ އަދި ކަނޑުގެ ސިފައިން އެއްކޮށްފައެވެ.
އެމެރިކާގެ އިސް އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ބުނީ ވައިޓް ހައުސްގެ ސިޗުއޭޝަން ރޫމުގައި ބުދަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރުން އެ ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ ހުރިހާ ސިފައިން މާޗް މަހުގެ މެދެއްހާ ހިސާބުގައި ގާއިމް ކުރަން ޖެހޭނެ ކަމަށް ވަނީ އަންގާފައެވެ.
އީރާންގެ ނިއުކްލިއާ މަޝްރޫއާ ބެހޭ ގޮތުން އެ ގައުމާ އެކު އެމެރިކާއިން މަޝްވަރާ ފަށާފައި ވިޔަސް މި ހަފްތާ ތެރޭގައި އެމެރިކާއިން އީރާނަށް ހަމަލާދޭ ގޮތަށް ތައްޔާރުވެފައިވާ ކަމަށާއި އެކަމަކު ހަމަލާ ދިނުމުގެ އަމުރު ރައީސް ޑޮނަލްޑް ޓްރަމްޕުގެ ފަރާތުން އަދި ނުލިބޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިދިޔަ އަހަރުގެ ޖޫން މަހު އިޒްރޭލާއި އީރާނާ ދެމެދު 12 ދުވަހުގެ ހަނގުރާމައެއް ކޮށްފައި ވާއިރު އެމެރިކާއިން އެ ހަމަލާތަކުގައި ބައިވެރިވެ އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ވަރުގަދަ ބޮންތައް ބޭނުންކޮށްގެން ވަނީ ހަމަލާދީފައެފެ. އަދި އޭގެ ރައްދުގައި އީރާނުންވެސް ވަނީ އިޒްރޭލަށް މިސައިލް ހަމަލާތަކެއް ދީފައެވެ.