Advertisement

ރޯދައަށް ހުންނައިރު ކަރުހިއްކުމާއި ވަރުބަލިކަން ލުއިކޮށްލެވިދާނެ ގޮތްތައް

18 Feb 2026 | 11:56
މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

ރޯދަ މަހު ދުވާލު ގަޑީގައި ކަރުހިއްކުމާއި ވަރުބަލިކަމާއި ބޮލުގައި ރިއްސުމަކީ ގިނަ ބަޔަކަށް ދިމާވެދާނެ ހާލަތެކެވެ. ޚާއްޞަކޮށް ރާއްޖެ ފަދަ ހޫނު ގައުމެއްގައި، ދިގު ވަގުތު ރޯދައަށް ހުރުމުން ހަށިގަނޑަށް ބާރުބޮޑުވެދާނެތީ، ހާރާއި ރޯދަ ވީއްލުމުގައި ކެއުން ރޭވުން ވަރަށް މުހިންމެވެ.

ރޯދައަށް ހުންނައިރު އެންމެ ބޮޑަށް އިހުސާސްވާ އެއް ކަމަކީ ކަރުހިއްކުމެވެ. މީގެ ސަބަބަކީ ގިނައިރު ފެން ނުބޮއި ހުރުމުގެ ސަބަބުން ހަށިގަނޑުން ފެން މަދުވުމެވެ. މިކަމަށް އެންމެ ރަނގަޅު ހައްލަކީ ހާރު ގަޑީގައި ގިނައިން ފެން ބުއިމެވެ. ރޯދަ ވީއްލީއްސުރެ ހާރުގެ ވަގުތާ ދެމެދު، މަދު މަދުން ފެން ބޮމުން ގެންދެވިދާނެއެވެ. ކެފެއިން ހިމެނޭ ބުއިންތައް ކަމަށްވާ ކޮފީ އާއި ސައިގެ ސަބަބުން ހަށިގަނޑުން ފެން ބޭރުވާ މިންވަރު އިތުރުވެދާނެއެވެ. އެހެންކަމުން ކެފެއިން ބޭނުންކުރާ ނަމަ މިންވަރު މަދުކޮށްލައި، ބަދަލުގައި ކުރުނބާ ފެން ނުވަތަ ފެން ގިނަ މޭވާ ކެއުން ރަނގަޅެވެ. ކަރައާއި ފަޅޯ ފަދަ މޭވާގައި ފެނުގެ މިންވަރު ވަރަށް މަތިވީމާ، ކަރުހިއްކުން ކުޑަކޮށްދެއެވެ.

Advertisement

ވަރުބަލިކަމަކީ ވެސް ރޯދައަށް ހުންނައިރު ގިނަ ބަޔަކަށް ދިމާވެދާނެ ހާލަތެކެވެ. ހާރުގައި ހަކަތަ ގިނައިރު ހިފަހައްޓައިދޭ ކާނާ ބޭނުންކުރުމުން ދުވާލު ގަޑީގައި ވަރުބަލިކަން ކުޑަކޮށްދެއެވެ. ބަތް، ޕާން، ނުވަތަ އޯޓްސް ފަދަ ކާބޯހައިޑްރޭޓް ގިނަ ކެއުމާ އެކު، ކުކުޅު ބިހެއް ނުވަތަ ކިރު ތައްޓެއް ބޭނުންކުރެވިދާނެއެވެ. ޕްރޮޓީންގެ ސަބަބުން ބަނޑުހައިނުވެ ގިނައިރު ހިފަހައްޓައިދެއެވެ. ހަކުރު ގިނަ ކެއުންތަކާ ދުރުހެލިވުން ވެސް މުހިންމެވެ. ހަކުރުގެ ސަބަބުން އެ ވަގުތު ހަކަތަ ލިބުނަސް، ކުޑައިރުކޮޅެއް ފަހުން ވަރުބަލިކަން އިތުރަށް ބޮޑުވެދާނެއެވެ.

ރޯދައަށް ހުންނައިރު ބޮލުގައި ރިއްސުމަކީ ވެސް އާންމު ކަމެކެވެ. ކޮފީ ބުއިމުގެ އާދަ އަށަގެންފައިވާ ފަރާތްތަކަށް ރޯދައިގެ ފުރަތަމަ ދުވަސްތަކުގައި ބޮލުގައި ރިއްސުން ދިމާވެދާނެއެވެ. ރޯދައިގެ ކުރިން ކޮފީ ބޯ މިންވަރު މަޑުމަޑުން މަދުކޮށް، ހަށިގަނޑު ތައްޔާރުކޮށްލެވިދާނެއެވެ. ހޫނުގައި މާ ގިނައިރު ބޭރުގައި އުޅުން މަދުކުރުންވެސް ރަނގަޅެވެ. 

ރޯދަ ވީއްލާ ގަޑީގައި ވެސް ކެއުމުގެ ތަރުތީބު މުހިންމެވެ. ކަދުރާއި ފެނުން ރޯދަ ވީއްލުމަށް ފަހު، މާ ގިނައިން އެއް ފަހަރާ ނުކައި، މަދު މަދުން ކެއުން ރަނގަޅެވެ. ގޮހޮރަށް ކުއްލިއަކަށް ބާރުބޮޑުވެދާނެތީ، ތެޔޮ ގިނަ ހެދިކާ ފަދަ ތަކެތި މަދުކޮށް، ސޫޕް، ސެލެޑް ފަދަ ލުއި ކާނާއިން ފެށުން ބުއްދިވެރިއެވެ.

ރޯދަ މަހު ހަށިގަނޑަށް ލުއިކޮށްދިނުމަކީ ހަމައެކަނި ކެއުމާ ގުޅިފައިވާ ކަމެއް ނޫނެވެ. ރޭގަނޑު ރަނގަޅަށް ނިދުމާއި، މާ ބުރަކޮށް ނޫޅެ ހަމަޖެހިލައިގެން އުޅުމާއި، ފެން ގިނައިން ބުއިމާ، މި ހުރިހާ ކަމެއް އެއްކޮށް ރޭވީމާ ރޯދައިގެ ވަރުބަލިކަމާއި ކަރުހިއްކުމަށް ލުއި ލިބޭނެއެވެ.

Advertisement

ކޮމެންޓް