Advertisement

ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގެ ވެރިންނަށް އެއްލައްކަ ރުފިޔާދޭން ރައީސް ނިންމަވައިފި

17 Feb 2026 | 06:20
ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާއެކު ރައީސް ބޭއްވި ބައްދަލުވުމުގެ ތެރެެއިން - ފޮޓޯ: ރައީސް އޮފީސް

މާލެސިޓީގެ ގަލޮޅު އަވަށުގައި ހުންނަ ސިނަމާލެ އަދި މާލޭހިޔާގެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން އެއްލަައްކަ ރުފިޔާގެ އިނާޔަތެއް ހަމަޖައްސަވައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް މިކަންހާމަކުރައްވާފައި ވަނީ މާލެސިޓީގެ ގަލޮޅު އަވަށުގައި ހުންނަ ސިނަމާލެ އަދި މާލޭހިޔާގެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުންނެވެ.

Advertisement

އެގޮތުން މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގޭގައި އިއްޔެ ހަވީރުއެވެ.

މި ބައްދަލުކުރެއްވުމުގައި، ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ އެ ފްލެޓްތަކުގެ ހާލަތާއި، ދައްކަންޖެހޭ ކުއްޔާއި، ޖޫރިމަނާގެ ކަންކަމުގައި ހުރި ކަންބޮޑުވުންތައް ރައީސްއަށް ހުށަހަޅާފައެވެ.

މި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދެވުމުގެ ގޮތުން، ސިނަމާލެ 1، 2، 3 އަދި 4 އާއި، މާލެހިޔާ 1 އަދި 2 ގެ ވެރިފަރާތްތަކަށް އިނާޔަތެއް ދެއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ.

މި ފްލެޓްތަކަށް ފައިސާ ދެއްކޭގޮތް ނުވުމުގެ ސަބަބުން މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފުކޮށްދެއްވުމަށާއި ފްލެޓްތައް ބައުވެ، ސްޓްރަކްޗަރ ހަލާކުވެފައިވާތީއާއި، އެކަމަށް ހައްލެއް ހޯއްދަވައިނުދެވި ގިނަ ދުވަސްވެފައިވާތީ، މި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިނާޔަތެއްގެ ގޮތުގައި 100،000 ރުފިޔާ ދެއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ.

މިގޮތުން، މި އިނާޔަތް ދިނުމުގައި ފްލެޓުގެ ވެރިފަރާތުން ފްލެޓަށް ދައްކަންޖެހޭ ޖުމުލަ ޢަދަދު 100،000 ރުފިޔާއަށްވުރެ ބޮޑުވާނަމަ، 100،000 ރުފިޔާއާ ހަމައަށް އުނިކުރެވޭނެއެވެ. ފްލެޓަށް ދައްކަންޖެހޭ ޖުމުލަ ޢަދަދު 100،000 ރުފިޔާއަށް ވުރެ ކުޑަނަމަ، އެ މިންވަރެއް މަޢާފުކޮށްދެއްވުމަށްފަހު، މި އަދަދުން ބާކީވާ މިންވަރެއް، ފްލެޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކުރެވޭނެއެވެ.

މީގެ އިތުތުން ފްލެޓް މިލްކުކުރުމަށް ފައިސާ ދައްކާ ނިންމާފައިވާ ފަރާތްތަކަށް 100،000 ރުފިޔާ އެއްކޮށް، އެޕާޓްމަންޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދެއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ.

Advertisement

ކޮމެންޓް