Advertisement

15 އަހަރުގެ ފިރިހެން ކުއްޖަކު ގްރޫމްކޮށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރު

16 Feb 2026 | 12:04
އެ މީހާ /ފޮޓޯ: ފުލުހުން

ކުޑަ ކުއްޖަކު ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 35 އަހަރުގެ އަންހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

 މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފާޠިމަތު ރީމާ (35އ) އެވެ.  ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލާގައި ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް، ޖިންސީ ގޯނާ ކޮށްފައިވަނީ 15 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކަށެވެ. މި އަންހެންމީހާ ހައްޔަރުކޮށްފައިވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި ކްރައިމް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 2025 ޑިސެމްބަރ 29 ވަނަ ދުވަހުއެވެ.

Advertisement

މި މައްސަލާގައި ހައްޔަރުކުރި ފާޠިމަތު ރީމާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ މުއްދަތު ދީފައެވެ. ކޯޓުން މިހާރު ދީފައިވާ މުއްދަތު ހަމަވާނީ 2026 ފެބްރުއަރީ 28 ވަނަ ދުވަހަށެވެ.

ކުޑަކުދިން "ގްރޫމް" ކޮށްގެންނާއި، އެ ކުދިންގެ މަޖުބޫރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ އިތުރުން ޖިންސީ ގޯނާގެ އަމަލުތަކުގައި ކުޑަކުދިން ބައިވެރިކުރުވާ ފަރާތްތަކާމެދު ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ހާއްސަ އިސްކަމެއް ދީގެން ފިޔަވަޅުތަކެއް އަޅަމުންނެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، ގާނޫނީގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ދަނީ ކުރަމުންނެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

Advertisement

ކޮމެންޓް