Advertisement

ސްޓޮކް މަދުވުމާއި ގުޅިގެން 20 ރުފިޔާގެ ނޫޓު އަލުން ނެރެފި

15 Feb 2026 | 11:05
ރަން ދިހަފަހެއް ނޫޓް ސީރީޒްގައި ހިމެނޭ 20 ރުފިޔާގެ ނޫޓެއް-

ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ "ރަންދިހަފަހެއް" ނޫޓު ސީރީޒްގެ 20 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމާ ގުޅިގެން، އެ ނޫޓުގެ އައު ސްޓޮކެއް މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން އަލުން ބާޒާރަށް ނެރެފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ އޮތޯރިޓީން ނެރެފައިވާ ރަންދިހަފަހެއް ނޫޓު ސީރީޒްގެ ތެރެއިން 20 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން މިއަދު އައު ސްޓޮކެއް ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ. މިއީ ބާޒާރުގައި ފައިސާ ދައުރުވުމަށް ދިމާވެދާނެ ދަތިތަކުން ސަލާމަތްވުމަށް އެޅި ފިޔަވަޅެކެވެ.

Advertisement

ސްޓޮކް މަދުވުމުގެ ސަބަބުން އެމްއެމްއޭއިން ނޫޓު ގެނެސްފައިވަނީ ހަމައެކަނި 20 ރުފިޔާގެ ނޫޓެއް ނޫނެވެ. މި މަހުގެ ކުރީކޮޅު އެ އޮތޯރިޓީން ވަނީ 100 ރުފިޔާގެ އައު ނޫޓުތަކެއްވެސް ސްޓޮކް އިތުރުކުރުމުގެ ގޮތުން ރާއްޖެއަށް ގެނެސްފައެވެ.

ދިވެހިރާއްޖޭގައި "ރަންދިހަފަހެއް" ނޫޓު ސީރީޒް ރަސްމީކޮށް ބޭނުންކުރަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މި ނޫޓު ސީރީޒަކީ ކުރިން ބޭނުންކުރި ކަރުދާސް ނޫޓުތަކާ ޚިލާފަށް، ޕޮލިމަރގައި ތައްޔާރުކޮށްފައިވާ، ރައްކާތެރިކަން ވަރުގަދަ އަދި ގެންގުޅެން ފަސޭހަ ޒަމާނީ ނޫޓުތަކެކެވެ.

މި ނޫޓުތަކުގެ ސެކިއުރިޓީ ފީޗާސްތަކަށް ބަލާއިރު، އަލްޓްރާ ވައިލެޓް (ޔޫވީ) އަލި އެޅުވުމުން ސީރިއަލް ނަންބަރު ދިއްލުމާއި، އާދައިގެ އަލީގައި ނުފެންނަ ނަމަވެސް ޔޫވީ އަލީގައި ފެންނަ މޫނުމަތީ އަގު ޖަހާފައިވާ ގޮޅިއެއް ހިމެނެއެވެ. މީގެ އިތުރުން، އާދައިގެ އަލީގައި އެއް ކުލައަކުން ފެންނަ ކުރެހުންތައް ޔޫވީ އަލީގައި ދެ ކުލައަކުން ފެންނަން ހުރެއެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް، ވަކިން ޚާއްޞަކޮށް ލޯފަން މީހުންނަށް ނޫޓުތައް ދެނެގަތުމަށް ފަސޭހަވާނެހެން، ކޮންމެ ނޫޓެއްގައިވެސް އަތަށް އިހުސާސްވާނެ ފަދަ އުފުލިފައި ހުންނަ ޚާއްޞަ ނިޝާންތަކެއް ހިމަނާފައިވާކަން އެމްއެމްއޭއިން ފާހަގަކުރެއެވެ.

Advertisement

ކޮމެންޓް