ކަނޑުމަގުން އެތެރެކުރަން އުޅުނު 36 ކިލޯ ޑުރަގު އަތުލައިގެންފި - މަގުމަތީ އަގު 29 މިލިޔަނަށް އަރާ
ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 36.43 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ އެ ތަކެތި އަތުލައިގެންފައި ވަނީ މާލޭ ކޮމާޝަލް ހާބަރަށް ގެނައި މުދާ ޝިޕްމަންޓެއް މި މަހުގެ 12 ވަނަ ދުވަހު ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
ބަލައި ފާސްކުރުމުގެ ތެރޭގައި ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން އެ ތަކެތި ހަޝިޝް އޮއިލްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ.
މީގެ އިތުރުން ކަސްޓަމްސްއިން ބުނީ އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަން 36.43 ކިލޯއަށް އަރާނެ ކަމަށެވެ.
އަދި އެ ތަކެތީގެ މަގުމަތީ އަގު 29 މިލިޔަނަށްވުރެ ގިނަ ރުފިޔާއަށް އަރާނެ ކަމަށްވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
ކަސްޓަމްސް އިން ވަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރުމަށްޓަކާ އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައެވެ.