Advertisement

ރޯދަމަހުގެ ފުރަތަމަ ދުވަސް ފެބްރުއަރީ 19 ކަމަށް ގިނަ ޤައުމުތަކަކުން ކަށަވަރުކޮށްފި

14 Feb 2026 | 13:54
-

1447 ވަނަ އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި، ފެބްރުއަރީ 19 ކަމަށް ޢުމާން، ތުރުކީ، ސިންގަޕޫރު އަދި އޮސްޓްރޭލިއާ ހިމެނޭ ގޮތަށް ގިނަ ޤައުމުތަކުން ރަސްމީކޮށް ކަށަވަރުކޮށްފިއެވެ.

ފަލަކީ ހިސާބުތައް ދައްކާ ގޮތުން ފެބްރުއަރީ 17 ވާ އަންގާރަ ދުވަހު ޔޫއޭއީ، ސަޢޫދީ ޢަރަބިއްޔާ، އުރުދުން އަދި މިޞްރު ހިމެނޭ ގޮތަށް ސަރަޙައްދުގެ ޤައުމުތަކުން ހަނދު ފެނުމުގެ ފުރުސަތެއް ނެތެވެ. އެ ދުވަހު ހަނދު އޮއްސެނީ އިރު އޮއްސުމުގެ ކުރިންނެވެ. އަދި އެ ދުވަހު ފާހަގަކޮށްލެވޭ އެނިއުލާ ސޯލާ އެކްލިޕްސެއް (އިރުގެ ކޭތައެއް) ހިފާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.

Advertisement

ޖީސީސީ ސަރަޙައްދުން އެންމެ ފުރަތަމަ ރޯދަމަހުގެ ތާރީޚް އިޢުލާނުކުރީ ޢުމާނުންނެވެ. ޢުމާނުގެ ހިޖުރީ މަސް ފެށޭ ދުވަސް ކަނޑައަޅާ ކޮމިޓީން ބުނީ ޝަޢުބާން މަހުގެ 30 ދުވަސް ހަމަވާނީ ފެބްރުއަރީ 18 ގައި ކަމަށާއި، އެ ރޭ ޢުމާނުގެ އެއްވެސް ސަރަޙައްދަކުން ހަނދު ފެނުމުގެ ފުރުސަތެއް ނެތް ކަމަށެވެ. ތުރުކީގެ ދީނީ ކަންތައްތަކާ ބެހޭ އިދާރާއިން ވެސް ފެބްރުއަރީ 19 ރޯދަމަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ކަށަވަރުކޮށް، ޢަރަބި އަދި އިސްލާމީ ދުނިޔެ އާއި އެމެރިކާ ބައްރުން ވެސް ފެބްރުއަރީ 17 ގައި ހަނދު ނުފެންނާނެ ކަމަށް ބުނެފައިވެއެވެ.

ޔޫއޭއީގައި ރޯދަ މަސް ފެށޭނެ ކަމަށް ލަފާކޮށްފައިވަނީ ފެބްރުއަރީ 19 ގައެވެ. ނަމަވެސް ރަސްމީ ތާރީޚް ކަށަވަރުވާނީ ހަނދު ބެލުމުގެ ކޮމިޓީން ފެބްރުއަރީ 17 ގައި ހަނދު ހޯދުމަށް ފަހުގައި ކަމަށް ދުބައީގެ އިސްލާމީ ކަންތައްތަކާ ބެހޭ ޑިޕާޓްމަންޓުން  ބުނެފައިވެއެވެ. ޕާކިސްތާނުގެ މީޓިއޮރޮލޮޖީ ޑިޕާޓްމަންޓުން ބުނީ ފެބްރުއަރީ 18 ވާ ޝަޢުބާން 29 ވަނަ ދުވަހުގެ ރޭ ހަނދު ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ދުބައީގެ ފަލަކީ ލަފާކުރުންތައް ދައްކާ ގޮތުން މި އަހަރު ރޯދަ މަހުގެ ދިގުމިނަކީ 29 ދުވަހެވެ. އެހެންކަމުން ޢީދު ދުވަހަކީ މާޗް 20 ވާ ހުކުރު ދުވަސް ކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް