Advertisement

މާފުށީގެ ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފި

12 Feb 2026 | 17:26
މާފުށީގެ ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ކ. މާފުށި ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ގެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތާއި އެ ރަށުގެ ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މާފުށި ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ހޮޅި އެޅުމާއި، ނަރުދަމާ ޕަންޕިންގ ސްޓޭޝަން ބެހެއްޓުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި، އައުޓް ފޯލް އެޅުމާއި އަދި މާފުށި ހިއްކިސަރަހައްދުގައި ދުވާލަކު 1500 ޓަނުގެ ފެން އުފެއްދޭ ވަރުގެ 02 އާރު.އޯ ޕްލާންޓް ބެހެއްޓުން ހިމެނެއެވެ.

Advertisement

އަދި 3500 ޓަނުގެ ފެން ރައްކާ ކުރެވޭ ވަރުގެ 2 ޓޭންކު ބެހެއްޓުމާއި، ފެން މީޓަރުތައް ބަހެއްޓުމާއި، އައުޓްފޯލް އެޅުމުގެ އިތުރުން މި މަޝްރޫޢު ނިންމުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން ހިމެނެއެވެ.

މި މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައި ވަނީ 571 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 128،605،793.86 ރުފިޔާއަށެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. އަބްދުالله މުއްޠަލިބްއެވެ. މާލެ ވޯޓާރ އެންޑް ސްވަރޭޖް ކޮންޕެނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދުއެވެ.

Advertisement

ކޮމެންޓް