ދަރިންނާއެކު ވަގުތު ހޭދަކުރަން މުވައްޒަފުންނަށް ދޭ ހުސް ވަގުތު އިތުރުކުރަން އިސްލާހެއް
ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ހަމަވުމަށްފަހު މަސައްކަތަށް ނިކުތަސް މުވައްޒަފުންނަށް ހުސް ވަގުތު ދޭންޖެހޭ މުއްދަތު އިތުރުކުރަން އިސްލާހު ހުށަހަޅައިފި އެވެ.
އެ އިސްލާހު ހުށަހަޅުއްވާފައި ވަނީ ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ޝަމީޒް އެވެ.
ވަޒީފާއާބެހޭ ގާނޫނަށް ހުށަހެޅި އެ އިސްލާހުގައިވާގޮތުން ދަރިފުޅުގެ އުމުރުން ދެ އަހަރު ވަންދެން ކޮންމެ ދުވަހަކު ދެ ފަހަރަށް 30 މިނެޓްގެ ހުސް ވަގުތުކޮޅެއް މުވައްޒަފުންނަށް ދޭންޖެހޭނެއެވެ.
އަދި ވަޒީފާއިން ވަކިކުރުމުގެ ކުރިން ދޭންޖެހޭ ނޯޓިސްގެ މުއްދަތަށް ވެސް ބަދަލެއް ގެނައުމަށް އެ ބިލްގައި ހިމަނާފައިވެ އެވެ.
މިގޮތުން އެއް އަހަރުނުވާ ކޮންމެ މުވައްޒަފަކަށް ވެސް މަދުވެގެން ދެ ހަފުތާގެ ނޯޓިހެއް ދޭން ޖެހޭނެ ކަމަށް އެ ބިލްގައި ބުނެފައި ވެއެވެ.
ނަމަވެސް ދެ ފަރާތުން އެއްބަސްވެވޭގޮތަށް އެއަށް ވުރެ ކުރު މުއްދަތެއް ނުވަތަ އެއަށް ވުރެ ދިގު މުއްދަތެއްގެ ނޯޓިސްއެއް ދޭންޖެހޭ ގޮތަށް ހެދޭނެ ކަމަށްވެސް އެ ބިލްގައި ބުނެފައި ވެއެވެ.