ހަނދުބެލުން އަންގާރަ ދުވަހު
މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ބެލުމުގެ މަސައްކަތްތައް މި މަހުގެ 17 ވާ އަންގާރަ ދުވަހު ކުރިޔަށްދާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 18 ވާ ބުދަ ދުވަހެވެ.
އެހެންކަމުން ހަނދު ބެލުމުގެ މަސައްކަތް ކުރިއަށްދާނީ 17 ވަނަ ދުވަހުގެ ހަވީރު 17:30 އިން ފެށިގެންނެވެ.
މިކަމަށްޓަކައި މާލޭގައި ހުންނަ ޑީޖޭއޭގެ އިދާރާގެ އިތުރުން، އަތޮޅުތަކުގެ ކައުންސިލް އިދާރާތަކާއި، ރަށު ކައުންސިލްގެ އިދާރާތަކާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތައް އެ ވަގުތުގައި ހުޅުވާފައި ބެހެއްޓުމަށް ވަނީ ހަމަޖައްސާފައެވެ.
ހަނދު ފެނިގެން ހެކިބަސް ދޭން ބޭނުންވާ ފަރާތްތަކަށް މާލޭގައިނަމަ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅު މަތީގައި އަދި ރަށްރަށުގައިނަމަ މެޖިސްޓްރޭޓުންގެ ކުރިފުޅުމަތީގައި ހެކިބަސް ދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން މެޖިސްޓްރޭޓަކު ނެތް ރަށެއްނަމަ، އެ ރަށެއްގެ ކައުންސިލް ހިންގުމާ ޙަވާލުވެ ހުންނެވި އިސްވެރިޔަކަށް ހެކިބަސް ދެވޭނެ ކަމަށްވެސް ޑީޖޭއޭ އިން ހާމަކުރެއެވެ.
ހަނދު ފެނިގެން އެ މައުލޫމާތު ދޭއިރު ގާތްގަޑަކަށް ހަނދު ހުރި އުސްމިނާއި މިސްރާބާއި އަދި މި ނޫން ވެސް މިފަދަ މުހިންމު މައުލޫމާތު ދޭން ޖެހެ އެވެ.
ހަނދު ފެނިގެން ހެކިބަސް ދޭން އަންނަ ފަރާތްތަކުގެ ދަތުރުފަތުރުގެ ޚަރަދު ދައުލަތުން ހަމަޖައްސައިދޭ ގޮތަށް ވަނީ ނިންމަވާފައެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު 3340828 ނަންބަރަށް ގުޅައިގެން ސާފުކުރެވޭނެއެވެ.