ފުލުހުންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާ، ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ނައްތާލައިފިއެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި، މިއަދު ނައްތާލި ބަނގުރަލަކީ ފުލުހުންގެ ޚިދުމަތަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ތަކެއްޗެވެ. މީގެ ތެރޭގައި ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިހާއި، އަދި ހުޅުމާލެ ޕޮލިހުގެ ބެލުމުގެދަށަށް ގެނެސްފައިވާ ބަނގުރާ ހިމެނެއެވެ.
މިގޮތުން ދޫނިދޫގައި މިއަދު ނައްތާލާފައިވަނީ 777 ފުޅި ބަނގުރަލާއި 225 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 10 އައިޓަމެއްކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުރާނެ ގޮތުގެ ގަވާއިދުގެ ދަށުންނެވެ. އަދި މި ހަރަކާތް ކުރިއަށް ދިޔައީ އެކަމަށްޓަކައި ހާއްސަކޮށް އެކުލަވައިލި ކޮމެޓީއެއްގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން މަޢުލޫމާތު ދިނެވެ.