ރާއްޖޭގައި އިންވެސްޓް ކުރުމުގެ ކަންކަން އޮންނަނީ ދެފުށް ފެންނަ އޮނިގަނޑެއްގެ ތެރޭގައި: ވަޒީރު ސައީދު
ދިވެހިރާއްޖޭގައި އޮތީ ހާމަކަން ބޮޑު، އިންސާފުވެރި އަދި އިތުބާރު ކުރެވޭފަދަ އިންވެސްޓްމަންޓް މާޙައުލެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ބަޔާންކުރައްވައިފިއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޖަރުމަނުވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި 'މޯލްޑިވްސް-ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލް' ބައްދަލުވުމުގައެވެ.
ޖަރުމަނަކީ ބައިނަލްއަޤްވާމީ އިޤްތިޞާދީ ގުޅުންތަކާއި ވިޔަފާރީގެ ފުރުޞަތުތައް ފުޅާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ޤައުމެއްކަން ފާހަގަކުރައްވަމުން، ވަޒީރު ވިދާޅުވީ ދެޤައުމުގެ ދެމެދުގައި އޮތީ 60 އަހަރާ ގާތްކުރާ ވަރުގަދަ ގުޅުމެއް ކަމަށެވެ. 1966 ވަނަ އަހަރު ސިޔާސީ ގުޅުން ފެށުނީއްސުރެ، މި ގުޅުން އަންނަނީ ދުވަހުން ދުވަހަށް ބަދަހިވަމުންނެވެ. ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ބިންގާ އެޅުމުގައި ޖަރުމަނުގެ ކުންފުނިތަކުގެ ދައުރު ވަރަށް ބޮޑެވެ. މިސާލެއްގެ ގޮތުން 1984 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ފަސްބައިކުޅަ އެއްބަޔަކީ ޖަރުމަނު މީހުންކަމަށް ވަޒީރު މުޙައްމަދު ސަޢީދު ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އިޤްތިޞާދު ސިންދަފާތުކުރުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ފަތުރުވެރިކަމުގެ އިތުރުން ސިއްޙީ ދާއިރާ، މާލީ ޚިދުމަތްތައް، އިއާދަކުރަނިވި ހަކަތަ އަދި އުމްރާނީ ތަރައްޤީ ފަދަ ދާއިރާތަކުން ޖަރުމަނާއެކު ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި ބައްދަލުވުމުގެ ސަބަބުން ރާއްޖޭގެ އިޞްލާޙީ މަސައްކަތްތަކާއި ތަރައްޤީގެ ތަޞައްވުރު ބޭރުގެ އިންވެސްޓަރުންނަށް ސާފުވެ، ދެޤައުމަށް ފައިދާހުރި ގޮތްތަކެއް މެދުވެރިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ނިންމަވާލައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި މިހާރު ވަނީ ބޭރުގެ އިންވެސްޓްމަންޓްތަކަށް ޒަމާނީ އަދި ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލާފައި ކަމަށެވެ. މީގެ ސަބަބުން އިންވެސްޓްމަންޓްތަކަށް ހުއްދަ ހޯދުން ލުއިވެ، އިންވެސްޓަރުންގެ ޙައްޤުތަކަށް އޮންނަ ރައްކާތެރިކަން އިތުރަށް ވަރުގަދަވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން ރާއްޖޭގެ އިންވެސްޓްމަންޓް ނިޒާމަކީ ދެފުށް ފެންނަ، ހަމަހަމަ އަދި އިތުބާރު ހިފޭ ނިޒާމެއްކަމަށާއި މިއީ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުޞޫލުތަކާ އެއްގޮތަށް ބައްޓަންކުރެވިފައިވާ، އިންވެސްޓަރުން ބޭނުންވާ ފަދަ ޔަޤީންކަން ލިބިދޭނެ ނިޒާމެއްކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.