Advertisement

ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުން އެގްރިމެންޓާ ޚިލާފަށް ކުނި އަޅާނަމަ ޖޫރިމަނާ ކުރަނީ

10 Feb 2026 | 17:33
ފޮޓޯ: އެފްޑީސީ

ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުން އެގްރިމެންޓާ ޚިލާފަށް ކުނި އަޅާނަމަ ޖޫރިމަނާ ކުރާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ. 

އެފްޑީސީން މިއަދު ނެރުނު ބަޔާނެއްގައި މިހެން ބުނެފައިވަނީ އެ ކޯޕަރޭޝަނުގެ 'އަމާން ދޯދި' މަޝްރޫޢުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ޓަވަރުތަކަށް ގިނަ ފަރާތްތަކުން ކުނި އަޅަމުންދާ މައްސަލައާ ގުޅިގެންނެވެ.

Advertisement

އެފްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4000 ހައުސިން ޔުނިޓްތަކުގެ އާންމު ސަރަހައްދުތަކާއި އިމާރާތްތަކުގެ ގްރައުންޑް ފްލޯ ހިމެނޭހެން ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ބައެއް ފަރާތްތަކުން ކުނި އުކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި އުސޫލުން ބޭރުން ކުނި ޖަމާކުރުމުގެ ސަބަބުން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިވެ އާންމު ސިއްހަތާއި ސަލާމަތަށް ނުރައްކާވާފަދަ ހާލަތްތައް މެދުވެރިވަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އެފްޑީސީން ބުނެފައި ވެއެވެ.

އެގޮތުން މިއީ އެ ކޯޕަރޭޝަނުން ކަނޑައަޅައި އާންމުކޮށްފައިވާ ކުނި އުކާލުމުގެ ގަވައިދާ ކަނޑައެޅިގެން ހިލާފު ކަމެއްކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެފްޑީސީން ބުނީ އިމާރާތްތަކުގެ ކޮރިޑޯތަކާއި ހިނގާ މަގުތަކުގެ އިތުރުން ޓަވަރުތަކުގެ ބޭރު ސަރަހައްދުތަކަށް ކުނި އެޅުމާއި ކުނި ޖަމާކުރުމަކީ މަނާކަމެއް ކަމަށާއި ގޭބިސީތަކުން އުފެދޭ ކުނި އުކާލަންވީ ހަމައެކަނި ގްރައުންޑް ފްލޯގައި ހުންނަ ގާބޭޖް ރޫމްތަކުގައި އެކަމަށް ހާއްސަކޮށްފައިވާ ކުނިވަށިތަކަށް ކަމަށެވެ.

ޔުނިޓުތަކަށް އަލަށް ބަދަލުވާއިރު އުފެދޭ ފޮށިގަނޑާއި ފުޅިމަދުފަދަ ތަކެތި އުސޫކުތަކާ އެއްގޮތަށް އުކާލުމަކީ އެ ޔުނިޓެއްގެ ވެރިފަރާތުގެ ޒިންމާއެއް ކަމަަށްވެސް އެފްޑީސީން ބުނެފައިވެއެވެ.

އެފްޑީސީން ވަނީ އިމާރާތާއި ދިރިއުޅޭ މާހައުލުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ކުނި އުކާލުމުގައި ހަމަޖެހިފައިވާ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހުރިހާ ފަރާތްތަކަށް ނަސޭހަތްތެރިވެ ގަވައިދާ ހިލާފަށް ކުނި އުކާ ފަރާތްތަކާމެދު ފިޔަވަޅު އަޅައި ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ޖޫރިމަނާ ކުރަމުންދާނެކަން ހާމަކޮށްފައެވެ.

މިގޮތުން ޖޫރިމަނާ ތަންޒީފުކުރަން ފަށާފައިވާއިރު އުސޫލާ ހިލާފުވި ބައެއް ފަރާތްތަކާމެދު ފިޔަވަޅު އަޅާ މިހާރު ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.


Advertisement

ކޮމެންޓް