ދެ އިންތިޚާބު އެއްކޮށްލަން ފާސްކުރި އިސްލާހަށް ރިފަރެންޑަމް ބާއްވަނީ
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން މަޖިލީހުން ފާސްކުރި ބިލަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ފާސްކޮށްފިއެވެ.
ދެ އިންތިޚާބު އެއްކޮށްލަން ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މަޖިލީހަށް ހުށަހެޅުއްވީ އިއްޔެއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާއިން އެ ބިލު ފާސްކުރީ އެ ކަމަށް ނެގި ވޯޓުގައި ބައިވެރިިވެވަޑައިގަތް 73 މެންބަރުންގެ ތެރެއިން 72 މެންބަރުން ވޯޓުންނެވެ.
އެ ބިލު މަޖިލިހުން ފާސްކުރި ނަމަވެސް އެކަން ތަންފީޒު ކުރުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދަން ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެއެވެ.
މިއަދު ފާސްކުރި އިސްލާހާއެކު މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުވެގެންދާނެއެވެ. ޤާނޫނު އަސާސީގައި ކުރިން އޮތް ގޮތުންނަމަ މިހާރުގެ މަޖިލީހުގެ ދައުރު 2029 ވަނަ އަހަރަށް ހަމަވި ނަމަވެސް އާ އިސްލާޙާއެކު 1 ޑިސެންބަރު 2028 ގައި މިހާރުގެ މަޖިލީހުގެ އުމުރު ހަމަވާނެއެވެ.
މިގޮތުން ދެން އެންމެ އަވަހަށް ބާއްވާ މަޖިލިސް އިންތިޚާބު ބާއްވަން ޖެހޭނީ މި އާ ތާރީޚުތަކަށް ފެތޭ ގޮތަށް ރިޔާސީ އިންތިޚާބާ އެކުގައެވެ.