Advertisement

އިންތިޚާބަށް ރީ-ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލައިފި

10 Feb 2026 | 10:54
-

އަންނަ އެޕްރީލް 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.

ރީ-ރަޖިސްޓަރީވުމުގެ ސުންގަޑިއަކީ މި މަހުގެ 16 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. މި މުއްދަތުގައި ރީ-ރަޖިސްޓަރީވާން ޖެހެނީ 2024 ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކުންނެވެ.

Advertisement

މަޖިލިސް އިންތިޚާބުގައި ރިސޯޓެއް، ސިނާއީ ރަށެއް، ޖަލެއް ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުންގެ ވޯޓުލާ ތަންކަމަށް މި އިންތިޚާބުގައި ރަޖިސްޓަރީވެފައި ވާނީ އެމީހެއްގެ ދާއިމީ އެޑްރެހެވެ.

ރީ-ރަޖިސްޓަރީވުމަށް ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް (form.elections.gov.mv) ނުވަތަ މައި ޕޯޓަލް (my.elections.gov.mv) މެދުވެރިކޮށް އޮންލައިންކޮށެވެ. ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ބެލުމަށް VR (Space) NID ޖެހުމަށް ފަހު 1414 އަށް އެސްއެމްއެސް ފޮނުވައިގެން ޗެކް ކުރެވޭނެއެވެ. އިތުރު މައުލޫމާތު ހޯދުމަށް 1414 އަށް ގުޅައި ނުވަތަ އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާއަށް ނުވަތަ އިންތިޚާބާ ބެހޭ މަރުކަޒަށް ޒިޔާރަތް ކުރެވޭނެއެވެ.

Advertisement

ކޮމެންޓް