Advertisement

ކުރިއަށް އޮތް ހަތަރު ދުވަހު ދުންފުހުގެ އަސަރު ބޮޑު

09 Feb 2026 | 16:27
ވިލިމާލެއާ ދިމާއިން މާލެ ދަތުރުކުރަމުންދާ ދޯންޏެއް - ފޮޓޯ: ދުވަސް

ދިވެހިރާއްޖޭގެ ވައިގެ ފެންވަރު ސިއްހަތަށް ނުރައްކާވާ މިންވަރަށް ދަށްވެފައިވާ ކަމަށާއި، މި ހާލަތު ކުރިއަށް އޮތް ހަތަރު ދުވަހުވެސް ދެމިއޮންނާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު ހާމަކޮށްފިއެވެ.  

މެޓް އޮފީހުން ފާހަގަކުރި ގޮތުގައި ރާއްޖޭގެ އުތުރާއި މެދުތެރޭގެ ރަށްތަކަށް ދުންފުހީގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާތީ، ބޭރުތެރޭގައި އުޅޭ މީހުންނާއި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިރުޝާދުތަކަށް ބޯލެނބުމަށްވެސް ވަނީ އަންގަވާފައެވެ.

Advertisement

ވައިގެ ނުސާފުމިން 151 އާއި 200 އާ ދެމެދުގައި ހުރުމުން ނެރޭ 'ރެޑް އެލާޓް' އާ އެކު، އެންމެންގެ ސިއްހަތަށްވެސް މީގެ ނޭދެވޭ އަސަރު ފޯރާނެއެވެ. ވިލިމާލޭގެ ވައިގެ ނުސާފުމިން 163 ގައި ހުރުމުން އެ ރަށުގައި އުޅޭ މީހުން މާސްކު އެޅުމަށް އެޗްޕީއޭއިން ބާރުއަޅާއިރު، މާލޭގެ ނުސާފުމިން ހުރީ 151 ގައެވެ. މިއީ 'އޮރެންޖް އެލާޓް' ގެ މިންގަނޑެއް ކަމުން، ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންނަށް މީގެ ނުރައްކާ ބޮޑެވާނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މުޅި ރާއްޖެއަށް ބަލާއިރު ވައިގެ ފެންވަރު އެންމެ ރަނގަޅީ އައްޑޫ ސިޓީއާއި ފުވައްމުލަކުގައެވެ. އާންމުކޮށް އިރުވައި މޫސުމުގައި ރާއްޖެއަށް ކުރިމަތިވާ މި ފުސްކަމަކީ އުތުރު އިންޑިއާ ސަރަހައްދުން އަންނަ ހިރަފުހާއި ދުމުގެ ސަބަބުން މެދުވެރިވާ ކަމެއްކަމާއި، މީގެ ސަބަބުން ދުރު ފެންނަ މިންވަރު ކުޑަވެ، ދަތުރުފަތުރު ކުރުމަށް ދަތިތަކާ ކުރިމަތިވުމުގެ އިތުރުން ސިއްހީ ގިނަ މައްސަލަތަކެއް ފެންމަތިވާކަމަށް މެޓުން ވަނީ ހާމަކުރައްވާފައެވެ.

Advertisement

ކޮމެންޓް