ތިލަފުށީ މަރު: ލަންކާ މީހާ ފިލައިގެން ދާން އުޅުނު !
ތިލަފުށީގައި ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު އަމީން މިއާގެ މަރުގެ މައްސަލައިގާ ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މައްސަލައިގާ ހައްޔަރުކޮށްފައިވަނީ ލަންކާގެ ރައްޔިތެއް ކަމުގައިވާ، އުމުރުން 32 އަހަރުގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކައެވެ. އޭނާއަށް ކުރާ ތުހުމަތަކީ ގަސްތަކާ ނުލާ މީހަކު މެރުމުގެ ތުހުމަތެވެ.
އޭނާގެ ބަންދުގެ މުއްދަތު މިއަދު ކްރިމިނަލް ކޯޓުން އިތުރު 10 ދުވަހަށް އިތުރުކޮށްދީފައިވާއިރު އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ އޭނާ ދުއްވި އެކްސްކަވޭޓރުން ޖެހި މީހަކު ނިޔާވުމުގެ ތުހުމަތު ކަމަށާއި މީހާ ފިލައިގެން ދާން އުޅޭ ކަމަށް ހެއްކެއްގެ ބަޔާނުން ބެލެވޭ ކަމަށާއި އަދި އޭނާއަކީ ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުން އަންނަ ފަރާތެއްކަން އައިއޯ ފާހަގަކޮށްފައިވާކަމަށްވެސް ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ތިލަފުށި ސައިޓެއްގައި މަސައްކަތްކުރާ ބިދޭސީއަކު ޖަނަވަރީ 26 ވަނަ ދުވަހު ގެއްލިފައިވާކަމަށް ރިޕޯޓު 28 ވަނަ ދުވަހު ލިބުމުން އެދުވަހު އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަން ފުލުހުން ހާމަކުރިއެވެ.
ނިޔާވެފައި އޮއްވާ ފެނުނު ކަމަށް ހަމަ އެރޭ ފުލުހުން ބުންޏެވެ. ނަމަވެސް އޭރު އަދި އިތުރު މަޢުލޫމާތެއް ހާމައެއް ނުކުރެއެވެ.
އެއަށްފަހު މި މަހުގެ އެއްވަނަ ދުވަހު ހާދިސާގެ އިތުރު މަޢުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނެފައިވަނީ ތިލަފުށި ވެމްކޯ ސައިޓްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ އަމީން މިއާ ގެއްލިގެން ހޯދަމުންދަނިކޮށް ނިޔާވެފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަމީން މިއާ ނިޔާވުމަށް މެދުވެރިވެފައިވަނީ 2026 ޖެނުއަރީ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓި، އެކްސްކެވޭޓަރުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އެ މީހާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި މީހާގެ ގައިމައްޗަށް ކުނިތަކެއް އެޅިގެން ހިނގި ހާދިސާއެއްގައި ކަމަށެވެ.
"ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވޭ" ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެކްސްކެވޭޓަރު އޮޕަރޭޓްކުރި ފަރާތް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން އެ ދުވަހު ބުންޏެވެ.