އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި އައިނު ފިހާރައެއް ހުޅުވައިފި
އައްޑޫ ސިޓީގައި ޤާއިމުކުރި ސަރުކާރުގެ އައިނު ފިހާރަ ރަސްމީކޮށް ހުޅުވައިފިއެވެ.
އެ ފިހާރަ ހުޅުވާފައި ވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ.
އެކަމަށްޓަކައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ އައިނު ފިހާރަ ހުޅުވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ.
އެ ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމްއާއި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ ޑރ. އިބްރާހިމް ޔާސިރް އަހުމަދު ވަނީ ބައިވެރިވެފައެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ އައިނު ފިހާރަ ހިންގާނީ އައިޖީއެމްއެޗް ހޮސްޕިޓަލާ ގުޅިގެން ކަމަށެވެ.
އައިނު ފިހާރައާއި ގުޅުންހުރި ކަންކަން ބެލެހެއްޓުމަށް އައިޖީއެމްއެޗްއާއި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި ދެމެދުވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ އައްޑޫގައި ޤާއިމުވެގެންދިޔަ އައިނު ފިހާރައަކީވެސް އެމްސީޖީއެޗްއާއި އޭއީއެެޗްއާއި ގުޅިގެން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މާލޭގައި ޤާއިމުކޮށްފައިވާ ސަރުކާރުގެ އައިނު ފިހާރަތަކުގެ ސަބަބުން ރައްޔިތުން އައިނު ހެއްދުމަށް ދިމާވަމުންދިޔަ މާލީ ގޮންޖެހުންތަކަށް ލުޔެއް ލިބިގެންގޮސްފައިވާ ކަމަށް އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވަނީ ވިދާޅުވެފައެވެ.ސަރުކާރުން ރަސްމީކޮށް އައިނުގެ ވިޔަފާރިއަށް ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލުގައި ވެސް ވަނީ ސަރުކާރުގެ އައިނު ފިހާރަ ހުޅުވާފައެވެ.