ޣައްޒާއިން ޝަހީދުވީ މީހުންގެ އަދަދު 72،000 އިން މައްޗަށް އަރައިފި
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގި ހަމަނުޖެހުންތަކަށްފަހު ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އަމާޒުކޮށް އިސްރާއީލު ސިފައިން ފެށި ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 72،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ހިނގަމުން އަންނަ ހަނގުރާމައިގައި ފަލަސްތީނުގެ 72،027 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
އެ މިނިސްޓްރީން ބުނީ ފާއިތުވި 24 ގަޑިއިރުތެރޭގައި އެކަނިވެސް އިސްރާއީލުން ވަނީ ފަލަސްތީނުގެ 2 މީހަކު ޝަހީދުކޮށްލާ 25 މީހަކު ޒަހަމްކޮށްލާފައެވެ.
އަދި އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 171،651 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ މިނިސްޓްރީން ބުނީ އެތައް ހާސް ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ.
ހަލާކުވެފައިވާ އިމާރާތްތަކުގެ ގައުކުނޑިތަކުގެ ދަށުވެ އެތައް ބަޔަކު ވަނީ ގެއްލިފައެވެ.
މީގެ އިތުރުން 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު އެކުލަވާލި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހުވެސް އިސްރާއީލުން މިހާތަނަށް ފަލަސްތީނުގެ 600 އެއްހާ މީހުން ޝަހީދުކޮށްލާ 1،543 މީހުން ވަނީ ޒަޚަމްކޮށްލާފައެވެ.
.