ހުޅުމާލޭގައި ހިލޭ ކުރިއަށްގެންދާ ގުރުއާން ކުލާސްތަކަށް ބޮޑު ތަރުހީބެއް!
ކުޑަކުދިން ޤުރުއާނަށް ހިތްޖައްސައި އަހުލުވެރިކުރުވުމަށް، އެޗްޑީސީއާއި އަލް އަސްރު ޖަމިއްޔާ ގުޅިގެން ހުޅުމާލޭގައި ކުރިއަށްގެންދަން ރާވާފައިވާ ޤުރުއާން ކްލާސްތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެޗްޑީސީއިން ބުނެފިއެވެ.
އެޗްޑީސީން ބުނީ، ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނެގުމަކާ ނުލައި މުޅިން ހިލޭ ކުރިއަށްގެންދާ އެ ކްލާސްތަކުގައި ބައިވެރިވުމަށް މިދިޔަ ބުދަ ދުވަހު ހުޅުވާލުމާއެކު، 24 ގަޑިއިރުގެ ތެރޭގައި ވަނީ ހުރިހާ ސްލޮޓްތައް ފުރާލާފައި ކަމަށެވެ.
އެގޮތުން، 7 އަހަރާއި 10 އަހަރާ ދެމެދުގެ ޖުމްލަ 103 ކުދިން އެ ކްލާސްތަކުގައި ބައިވެރިވެފައިވާ ކަމަށް ބުނެފައިވެއެވެ. އެހެންކަމުން، މިހާރު ވަނީ ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ބަންދުކޮށްލާފައެވެ.
މިއީ، ހުޅުމާލޭގައި ޤުރުއާން ކްލާސްތައް ކުރިއަށްގެންދިއުމާއެކު ދީނީ ދަރުސް ދިނުމަށް، އަލް އަސްރު ޖަމިއްޔާއާއި އެޗްޑީސީއާ ދެމެދު މިދިޔަ ސެޕްޓެމްބަރު މަހު ސޮއިކުރެވުނު މެމޮރެންޑަމް އޮފް އަންޑަސްޓޭޑިންގ (އެމްއޯޔޫ) ގެ ދަށުން ކުރިއަށްގެންދާ ކްލާސްތަކެކެވެ.
އެއް އަހަރު ދުވަހުގެ މި އެމްއޯޔޫގެ ދަށުން ހުޅުމާލޭގެ އެކި މިސްކިތްތަކުގައި، ހަފްތާއަކު ފަސް ދުވަހު، ކޮންމެ ދުވަހަކު ހަތަރު ޤުރުއާން ސެޝަން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެ ކްލާސްތައް ކުރިއަށްގެންދާނީ ހެނދުނާއި ހަވީރަށް ބަހާލައިގެން، އަންހެން އަދި ފިރިހެން ކުދިން ވަކިންނެވެ. ކްލާސްތަކުގައި ޤުރުއާން ކިޔަވައިދޭ ޓީޗަރުން ހަމަޖެއްސުމާއި، ޓްރެއިން ކުރުން ކުރިއަށްގެންދާނީ އަލް އަސްރު ޖަމިއްޔާގެ ފަރާތުންކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
އެޗްޑީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން އަލް އަސްރާއެކު ސޮއިކުރެވުނު އެ އެއްބަސްވުމުގެ މަގްސަދަކީ، ދީނަށް ލޯބިކުރާ މުޖްތަމައުއެއް ބިނާކުރުމެވެ. އެގޮތުން، ކުރިއަށްއޮތްތަނުގައިވެސް މުޖްތަމައުއަށް ފައިދާހުރި މިފަދަ ގިނަ ޕްރޮގުރާމުތައް ހިންގުމަކީ އެޗްޑީސީގެ އަމާޒެއްކަމަށް އެ ކޯޕަރޭޝަންއިން ވަނީ ބުނެފައެވެ.