ދިވެހި ދައުލަތުގެ އެންމެހާ ކަންކަން ބައްޓަން ކުރާނީ އިސްލާމްދީނުގައިވާ ގޮތުގެ މަތިން: ރައީސް
ދިވެހި ދައުލަތުގެ އެންމެހާ ކަންކަން ބައްޓަން ކުރާނީ އިސްލާމްދީނުގައިވާ ގޮތުގެ މަތިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްކަމަށާއި އިސްލާމްދީނުގައި މުސްލިމުން އުޅެންޖެހޭނެ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އިސްލާމީ އުސޫލުތައް ހިފެހެއްޓުމަކީ އެ މަނިކުފާނުގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމަށެވެ.
ދީނާއި ސިޔާސަތު ވަކިކުރުމުގެ ފިކުރިއްޔާގެ އަހުލުވެރިން އެހެން ގޮތަކަށް މިކަން ދުށުމަކުން އަޅުގަނޑުގެ ކުޑަވެސް ފަރުވާލެއް ނެތް
ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދައުލަތް ހިންގުމުގެ ހުރިހާ ކަމެެއްގައި ވެސް މާތްވެގެންވާ އިސްލާމް ދީނުގައި ސާފުކޮށް ބަޔާންކުރައްވާފައިވާ ހަމަތަކާއި އުސޫލުތަކާއި އެއްގޮތަށް ކަންކަން ބައްޓަންކޮށް ތަރައްގީ ކުރުމަކީ މި ސަރުކާރުގެ ސިޔާސަތު ކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ދީނާއި ސިޔާސަތު ވަކިކުރުމަށް ގޮވާލާ ފަރާތްތަކުގެ ބަހަށް އެއްވެސް ފަރުވާލެއް ނެތް ކަމަށެވެ.