ނެޝަނަލް ފަރޓިލިޓީ ސެންޓަރުގެ ކާމިޔާބީތައް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ރައީސްގެ ދެ ކަނބިކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި
ދަރުމަވަންތަ ހޮސްޕިޓަލުގެ ނެޝަނަލް ފަރޓިލިޓީ ސެންޓަރުގެ ތާރީޚީ ކާމިޔާބީތައް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ފަރޓިލިޓީ ސެންޓަރުގެ ތާރީޚީ ކާމިޔާބީތައް ފާހަގަކުރުމަށް މިއަދު ހަވީރު ދަރުމަވަންތަ ހޮސްޕިޓަލުގެ 24 ވަނަ ފަންގިފިލާގައި ބޭއްވި މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގަތުމުން މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޡިމް އިބްރާހީމާއި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ އިސްވެރިންނާއި ނެޝަނަލް ފަރޓިލިޓީ ސެންޓަރުގެ އިސްވެރިންނެވެ.
އެގޮތުން މި ރަސްމިއްޔާތުގައި ނެޝަނަލް ފަރޓިލިޓީ ސެންޓަރުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކާއި ލިބުނު ކާމިޔާބީތަކާއި ބެހޭގޮތުން ވަނީ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ.
ދަރިމައިވުމާ ގުޅޭ ފަރުވާތަކުގެ ތެރޭގައި ހިމެނޭ އައި.ވީ.އެފް. އަދި އައި.ޔޫ.އައި.ގެ ފަރުވާ އާސަންދައިގެ ތެރެއިން ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެކެވެ.
މި ވަޢުދާއި އެއްގޮތަށް އާސަންދަ އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، މެދުވެރިކޮށް ރާއްޖެއިން ބޭރުންވެސް ދަރިމައިވުމާ ގުޅޭ ފަރުވާ މިހާރު ލިބެއެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ހުންނަ ނެޝަނަލް ފަރޓިލިޓީ ސެންޓަރ ހުޅުވީ 2024 ނޮވެންބަރު މަހުއެވެ.
މީގެ އިތުރުން އެ ސެންޓަރުގައި ފުރަތަމަ ފަހަރަށް އައި.ވީ.އެފް މެދުވެރިކޮށް ކުއްޖަކު އުފަންވީ 2026 ޖަނަވަރީ 7 ވަނަ ދުވަހުއެވެ.