ތޫފާން ޑިޓްވާގައި ހާލުގައި ޖެހުނު ކުދިންނަށް އަައިއޭސީން ކިޔަވާ ސާމާނު ފޯރުކޮށްދީފި
މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ސްރީލަންކާއަށް އެރި ބާރުގަދަ ތޫފާން، "ޑިޓްވާ" ގައި ހާލުގައި ޖެހުނު ކުދިންނަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އަައިއޭސީ) އިން ކިޔަވާ ސާމާނު ފޯރުކޮށްދީފިއެވެ.
އައިއޭސީން ބުނީ އެހީ ފޯރުކޮށްދީފައި ވަނީ ސްރީލަންކާގެ ޓްރިންކޮމަލީ ޑިސްޓްރިކްޓްއަށް ކަމަށެވެ.
އެގޮތުން ހަދިޔާކޮށްފައި ވަނީ ސްކޫލް ކުދިންގެ 500 ދަބަހާއި 500 ދަރިވަރުންނަށް ކިޔެވުމަށް ބޭނުންވާ ސާމާނާއި އެ ކުދިން ބޭނުންކުރާނެ ކުޑަކަމަށް އައިއޭސީން ބުނެފައި ވެެެއެވެ.
އައިއޭސީން ވަނީ އެ ކުދިންނަށް އުނގެނުމަށް ބޭނުންވާ ސާމާނު ބެހުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަން ހާމަކޮށް އެ އެހީގެ ސަބަބުން ހާލުގައި ޖެހުނު ދަރިވަރުންނަށް ސްކޫލަށް ބޭނުންވާ ތަކެތި ލިބުމުން މެދުނުކެނޑި ކިޔެވުން ކުރިއަށް ގެންދިއުމުގައި އެހީތެރިވެދީ ޑިޓްވާ ތޫފާނުގެ ސަބަބުން އާއިލާތަކަށް ކުރިމަތިވި ބުރަތަކަށް ލުޔެއް ލިބިގެން ގޮސްފައިވާކަން ހާމަކޮށްފައެވެ.
މީގެ އިތުރުން އައިއޭސީން ބުނީ ސްރީލަންޖާގެ އަމްޕާރާ ޑިސްޓްރިކްޓްގައި އިތުރު 500 ޕެކް ބެހުމަށް ނިންމާފައިވާ ކަމަށެވެ.
ތޫފާން 'ޑިޓްވާ' ގެ ސަބަބުން އެތައް ބަޔަކު މަރުވެފައި ވާއިރު އެ ޤައުމުގެ 2.3 މިލިއަން މީހުންނަށް އޭގެ އަސަރުކޮށްފައިވާ ކަމަށް އދ. ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ އައު ދިރާސާއަކުން ދައްކައެވެ. އަދި އެ ތޫފާނުގައި 1.1 މިލިއަން ހެކްޓަރުގެ ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފައެވެ. ހަމައެހެންމެ ތޫފާނުގެ އަސަރުކުރި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އޭގެ ތެރޭގައި 522،000 ކުޑަކުދިންނާއި 263،000 ދުވަސްވީ މީހުން ހިމެނެއެވެ.