Advertisement

ރޯދައާ ދިމާކޮށް "އެއްގެއިން އަނެއްގެއަށް" ތަކެތި ހަދިޔާކުރުމުގެ ކެމްޕެއިން އެޗްޑީސީން ފަށަނީ

03 Feb 2026 | 10:19
ފޮޓޯ: އެޗްޑީސީ

ރަަމަޟާން މަހާ ދިމާކޮށް ގޭބީސީތަކުން އުކާލާ ތަކެތީގެ ތެރެއިން، ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި އުކާލުމުގެ ބަދަލުގައި، ހަދިޔާކުރުމަށް މިއަހަރުވެސް "އެއްގެއިން އަނެއްގެއަށް" ކެމްޕެއިން ކުރިއަށް ގެންދިއުމަށް އެޗްޑީސީން ނިންމައިފިއެވެ.

އެޗްޑީސީން މިއަދު ބުނީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރޭގެ އާބާތުރަ ފިލުމަށް ފަރުނީޗަރާއި ހިފާ ގެންގުޅޭ ސާމާނު އާކުރުމަކީ ދިވެހިންގެ ތެރޭގައި އޮންނަ އާދައެއް ކަމަށެވެ.

Advertisement

އަދި އުކާލާ ތަކެތީގެ ތެރޭގައި މާބޮޑަށް ބާނުވާ، އަލުން ބޭނުންކުރެވޭނެ ތަކެތި ހިމެނޭ ކަމަށާއި އެގޮތުން، "އެއްގެއިން އަނެއްގެއަށް" ކެމްޕެއިނަކީ، ރޯދައަށް ގޭބީސީތަކުން ތަކެތި އާކުރުމުގެ ތެރެއިން އެގޭގައި ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި ނެގުމަށްފަހު، އެތަކެތި ބޭނުންވާ އެހެން ފަރާތަކަށް ހަދިޔާ ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

އެ ކޯޕަރޭޝަނުން ބުނީ މި ޕްރޮގްރާމަށް ހުޅުމާލޭގެ ކޮންމެ ގެއަކުންވެސް ތަކެތި ހަދިޔާ ކުރެވިދާނެ ކަމަށެވެ.

"މި ޕްރޮގުރާމުގެ ދަށުން ބޮޑަށް އަމާޒުކުރަނީ ބޭނުންކޮށްފައިވާ އަދި ބޭނުންކުރެވޭ ހާލަތުގައި ހުރި ފަރުނީޗަރާއި ގޭގައި ގެންގުޅޭ އިލެކްޓްރޯނިކްސް ފަދަ ތަކެއްޗަށް." އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.

މާދަމާއިން ފެށިގެން، މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގުރާމުގެ ދަށުން ގޭގެއިން ތަކެތި ނެގުމަށްފަހު، އެ ތަކެތި ބޭނުންވާ ކޮންމެ ފަރާތަކަށްވެސް ފޯރުކޮށްދިނުމުގެ އިންތިޒާމު އެޗްޑީސީން ހަމަޖައްސައިދޭނެއެވެ.

ތަކެތި ދޫކުރުމަށް ކަނޑައެޅިފައިވާ މުއްދަތަށް ފަހުގައި ބާކީ އެއްވެސް އެއްޗެއް ހުރެއްޖެނަމަ، އެ ތަކެތި ދޫކުރާނީ ބޭނުންޖެހިފައިވާ ފަރާތްތައް ދެނެގަތުމަށްފަހު، އެ ފަރާތްތަކަށް ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.

މި ޕްރޮގުރާމުގެ މަގްސަދަކީ، ރަމަޟާން މަހުގައި އެކަކު އަނެކަކަށް ތަކެތި ހަދިޔާކުރުމާއި، ބޭނުންޖެހިފައިވާ ފަރާތްތަކަށް ތަކެތި ފޯރުކޮށްދީ އެހީތެރިވުމަށް ބާރު އެޅުމެވެ.

"މިއީ، ރަމަޟާން މަހާ ދިމާކޮށް ފްލެޓުތަކުން އުކާލުމަށް ނެރެފައި ހުންނަ ކުނީގެ މައްސަލަ ހައްލު ކުރުމާއެކު ނައްތާލަންޖެހޭ ކުނި މަދުކޮށް، އަލުން ބޭނުންކުރުމަށް ބާރު އެޅުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ. " އެޗްޑީސީން ބުނެފައި ވެއެވެ.

އެގޮތުން، މިދިޔަ އަހަރުގެ ރަމަޟާން މަހާ ދިމާކޮށްވެސް އެޗްޑީސީން ކުރިއަށްގެންދިޔަ މި ޕްރޮގުރާމަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

އެއްވެސް ފަރާތަކުން މި ޕްރޮގުރާމަށް ތަކެތި ހަދިޔާކުރަން ބޭނުންނަމަ، ނުވަތަ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންނަމަ، އެޗްޑީސީގެ ހޮޓްލައިން ނަންބަރު 7412111 އަށް ގުޅުމަށް ވަނީ އެދިފައެވެ.

އެ ޕްރޮގްރާމުން ތަކެތި ދޫކުރުން ކުރިއަށްދާނެ ގަޑިތައް:

އާދިއްތަ- ބުރާސްފަތި: 16:00 – 18:00

ހުކުރު: 16:00 – 18:00

ހޮނިހިރު: 10:00 – 18:00

މީގެ އިތުރުން އެ ޕްރޮގްރާމްގެ ތެރެއިން ކޯލް ސެންޓަރަށް ގުޅޭނެ ގަޑިތަކަކީ:

އާދިއްތަ- ބުރާސްފަތި: 16:00 – 18:00

ހުކުރު: 16:00 – 18:00

ހޮނިހިރު: 10:00 – 18:00

Advertisement

ކޮމެންޓް