Advertisement

ބީއެމްއެލްއިން ކުޑަހުވަދޫގައި އާ ބްރާންޗެއް ހުޅުވައިފި

31 Jan 2026 | 21:13
ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ކުޑަހުވަދޫގައި ހުޅުވި އައު އިމާރާތް - ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދ. ކުޑަހުވަދޫގައި އާ ބްރާންޗެއް ރަސްމީކޮށް ހުޅުވައިފިއެވެ.

އެ ބޭންކުން މިއަދު ބުނެފައިވަނީ މިއީ ބޭންކިންގް ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ގާއިމުކުރުމަށާއި އަތޮޅުތަކުގެ އިގްތިސާދީ ކުރިއެރުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.

Advertisement

‎އާ ބްރާންޗް ހުޅުވާފައި ވަނީ މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރުއާއި ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްގެ އިތުރުން ބޭންކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ކުޑަހުވަދޫގައި އައު އިމާރާތެއް ހުޅުވުމުގެ ތެރެއިން - ފޮޓޯ: ބީއެމްއެލް 

‎އަލަށް ބިނާކުރި މި ބްރާންޗް ހުޅުވުމާއެކު ކުޑަހުވަދޫގައި މިހާރު ހުރި ބްރާންޗްގެ މަސައްކަތްތައް އާ ބްރާންޗަށް ބަދަލުކުރެވިގެންދާނެ ކަމަށާއި މީގެ ސަބަބުން ކުޑަހުވަދޫއާއި ކައިރި ރަށްތަކުގެ އިތުރުވަމުންދާ ބޭންކިންގް ބޭނުންތަކަށް އެހީތެރިވެދީ، ކަސްޓަމަރުންނަށް އަވަސް އަދި ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެކަމަށް ބޭންކުން ބުނެއެވެ.

‎ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ކުޑަހުވަދޫގައި ހުޅުވުނު އާ ބްރާންޗަކީ ރަށްތަކުގެ އިންފްރާސްޓްރަކްޗަރއަށް ކުރާ އިންވެސްޓްމަންޓާއި، ޒަމާނީ ބޭންކިންގް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތައް ދައްކުވައިދޭ ކަމެއް ކަމަށެވެ.

"މި ޕޭޕަރލެސް ބްރާންޗުން ޚިދުމަތްތައް ދޭނީ ޑިޖިޓަލްކޮށް. މީގެ ސަބަބުން ކަސްޓަމަރުންނަށް ބޭންކިންގް ޚިދުމަތްތައް ހޯދުމުގައި އިތުރު ފަސޭހަކަމާއި ހަލުވިކަން ލިބިގެންދާނެ. މި ބްރާންޗުގެ ސަބަބުން މި ސަރަހައްދުގެ އާންމު ފަރުދުންނާއި، އާއިލާތަކާއި ވިޔަފާރިތަކަށް ޚިދުމަތް ދިނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަވެގެންދާނެ." ޝަރީފް ވިދާޅުވިއެވެ.

‎މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މި އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު 12 ބްރާންޗެއް ހުޅުވުމަށް ބޭންކުން ވަނީ ނިންމައިފައެވެ.

‎މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 267 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

Advertisement

ކޮމެންޓް