Advertisement

ފަތިސް ނަމާދުން ދުވަސް ފެށުމަށް ދަރިވަރުންނަށް ރައީސް އިލްތިމާސްކޮށްފި

27 Jan 2026 | 14:42
ޝަހީދު އަލީ ސްކޫލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ދަރިވަރުންނާ މުހާތަބުކޮށް ވާހަކަދައްވަނީ/ ފޮޓޯ: ރައީސް އޮފީސް

ފަތިސް ނަމާދަށް ގަޑިއަށް ހޭލައި، ނަމާދުން ދުވަސް ފެށުމަށް ޢަޒުމް ކަނޑައެޅުމަށް ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ ހުޅުމާލޭ ފޭސް 2 ގައި މިއަދު ހުޅުވި ޝަހީދު ޢަލީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement

ރައީސް ވަނީ ހުރިހާ ކިޔަވާ ކުދިން، ދުވަސް ފަށަނީ ގަޑިއަށް ފަތިސް ނަމާދުކޮށްގެންތޯ ކަށަވަރު ކުރުމަކީ މައިންބަފައިގެން ޒިއްމާއެއް ކަމަށް ދެކިވަޑައިގެން އެކަން ކަށަވަރުކުރެއްވުމަށް މައިންބަފައިންގެ ފަރާތުންވެސް އެދިވަޑައިގެންފައެވެ.

ނަމާދަށް ފަރުވާތެރިވުމާއި، މައިންބަފައިންނަށް ކިޔަމަންތެރިވުމާއި ޓީޗަރުން ބުނާ ބަސް އަހާ، ތަޢުލީމީ ޙަޔާތުގައި ސްކޫލްތަކުގެ ވެރިން އަންގާ މަގުން ކަންކަން ކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެމަގުން ކަންކަން ކުރުމުން، ތުއްތު ކުދިންގެ މުސްތަޤްބަލަށް އަޅައިދޭ ބިންގަލަކީ ގުޑުވާނުލެވޭ ވަރުގެ ވަރުގަދަ ބިންގަލެއް ކަމުގައި ވާނެ ކަމަށެވެ.

އެގޮތުން ދަރިވަރުން ކިޔަވައި ނިމިގެން ބޮޑެތިމީހުންނަށްވެ، ކުރިއަށްދާން ބަލާއިރު ބިންގާއޮތީ ރެނދުއަޅާ ބަލިކަށިކޮށް ކަމަށްވާނަމަ، ޙަޔާތުގައި ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވިއެވެ.

ސްކޫލްތަކަށް ދަރިވަރުން އަންނަނީ އެ ބިންގާ ވަރުގަދަކުރަންކަން ފާހަގަކުރައްވައި، އެކަން އެގޮތަށް ވުމަށް ނަފްސާނީ ގޮތުން ދަރިވަރުން ތައްޔާރުކޮށް މަގުދައްކައިދިނުމަކީ ޓީޗަރުންނާއި ބެލެނިވެރިންގެ ޒިއްމާއެއްކަން އެމަނިކުފާނު ވަނީ ހަނދާންކޮށްދީފައެވެ. އަދި އެކަމަށް މަގުފަހިކޮށްދެއްވުމަށް ސަރުކާރުން މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

މުޖުތަމަޢުގައި އުޅޭ އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުން ހިމެނޭގޮތަށް "އިންކްލޫސިވް އެޑިޔުކޭޝަން" އަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއްކަން ފާހަގަކުރައްވައި އެމަނިކުފާނުވިދާޅު މިއަދު ހުޅުވުނު ޝަހީދު ޢަލީ ސްކޫލްގައިވެސް އެ ފެސިލިޓީ ޤާއިމްވެފައިވާކަމަށެވެ.

އަދި ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައިވެސް ''އިންކްލޫސިވިޓީ'' އިތުރުކުރުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަން ދެއްވައި، އެކަމަށް މިއަހަރު ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޑޮކްޓަރ އިސްމާޢީލް ޝަފީޢު އަދި ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސްވެރިންގެ އިތުރުން ސްކޫލްގެ އިސްވެރިންނާއި ދަރިވަރުން ބައިވެރިވިއެވެ.

Advertisement

ކޮމެންޓް