އަހަރުގެ ފުރަތަމަ ތިން ހަފްތާތެރޭ ރާއްޖެއަށް 149،000 ފަތުރުވެރީން
މިއަހަރުގެ ފުރަތަމަ ތިން ހަފުތާތެރޭ ދިވެހިރާއްޖެއަށް 149،000 ފަތުރުވެރީން ޒިޔާރަތްކޮށްފައި ވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ މިހާތަނަށް ޖުމްލަ 149،447 ފަތުވެރީން ވަނީ ރާޢްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔައަހަރުގެ އެ މުއްދަތުގައި ޒިޔާރަތްކޮށްފައިވާ 139،682 ފަތުރުވެރީންނާއި އަޅާބަލާއިރު 7 އިންސައްތައިގެ އިތުރުވުމެކެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރީންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޒިޔާރަތްކޮށްފައި ވަނީ ރާއްޖޭގެ ރިސޯޓުތަކަށެވެ. އެގޮތުން ރިސޯޓުތަކަށް ދިޔަ ފަތުރުވެރީންގެ އަދަދު 103،067އަށް އަރާއިރު މިއީ އަހަރުގެ މިހާތަނަށް އައި ފަތުރުވެރީން 69 އިންސައްތަ ފަތުރުވެރީންކަން ފާހަގަކޮށްލެވެއެވެ.
ރިސޯޓުތަކަށްފަހު ދެން އެންމެ ގިނަ ފަތުރުވެރީން ޒިޔާރަތްކޮށްފައި ވަނީ ގެސްޓްހައުސްތަކަށެވެ. ގެސްޓްހައުސްތަކަށް 39،003 ފަތުރުވެރީން ޒިޔާރަތްކޮށްފައި ވާއިރު ހޮޓެލްތަކަށް 4،109 ފަތުރުވެރީން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި 3،119 ފަތުރުވެރީން ވަނީ ރާއްޖޭގެ ސަފާރީތަކަށް ޒިޔާރަތްކޮށްފައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާރު ރާއްޖެއަށް އާންމު ގޮތެއްގައި ދުވާލެއްގެ މައްްޗަށް 7،117 ފަތުރުވެރީން ޒިޔާރަތކުރެއެވެ.
ފަތުރުވެރީންގެ މާކެޓުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައި ވަނީ ރަޝިއާއިންނެވެ. އެގޮތުން ރަޝިއާއިން 21،798 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައި ވާއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރީން ޒިޔާރަތްކޮށްފައި ވަނީ އިޓަލީއިންނެވެ. އެއީ 16،264 ފަތުރުވެރިންނެވެ. އަދި ލިސްޓުގެ ތިންވަނަ، އިނގިރޭސިވިލާތުން 13،147 ފަތުރުވެރިން ވާނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ސަރުކާރުން ވަނީ މި އަހަރު 2.4 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެވޭނެ ކަމަށް ލަފާކޮށްފައެވެ.