ޒަކާތުހައުސްގެ ޑިރެކްޓާ ޖެނެރަލުގެ މަގާމަށް އައްޝައިޚް އިމްތިތާއު އައްބާސް އައްޔަންކޮށްފި
މޯލްޑިވްސް ޒަކާތު ހައުސްގެ އައު ޑިރެކްޓާ ޖެނެރަލްގެ މަޤާމަށް އައްޝައިޚް އިމްތިޠާއު ޢައްބާސް އައްޔަންކުރައްވައިފިއެވެ.
ޒަކާތު ހައުސްއިން ބުނީ އިމްތިޠާއު އެ މަޤާމަށް އައްޔަންކޮށްފައިވަނީ އެ ކަމަށް ކުރިމަތިލުމަށް ޢާންމުކޮށް އިޢުލާންކުރުމުން އެކަމަށް އެދި ހުށަހެޅި ފަރާތްތަކާ އިންޓަވިއުކުރުމަށް ފަހު، އެ ފަރާތްތަކުގެ ޤާބިލުކަމާއި ތަޢުލީމާއި ތަޖުރިބާގެ މައްޗަށް ބިނާކޮށް، މަޤާމަށް އައްޔަނުކުރުމަށް އެންމެ ރަނގަޅު ފަރާތަކީ އޭނާ ކަމަށް ފެނުމުން ކަމަށެވެ.
ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލް ކަމުގެ މަޤާމަށް އައްޔަނުކުރުމުގެ ކުރިން، މިމަހުގެ 14 ވަނަ ދުވަހާއި ހަމައަށް އިމްތިޠާއު ހުންނެވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގައެވެ. މީގެ އިތުރުން އެ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަޤާމާއި، ހެޑް އޮފް އިންޓަނޭޝަނަލް ރިލޭޝަންސް ފަދަ އިސް މަޤާމުތަކާއި ލަފާއަރުވާ ރޯލުތައް އިމްތިޠާއުވަނީ އަދާކުރައްވާފައެވެ.
ހަމަ އެހެންމެ ޒަކާތު ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ޒަކާތު ހައުސްގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ ވައިސް ޗެއާގެ މަޤާމު ވެސް އިމްތިޠާއު ވަނީ އަދާކުރައްވައިފައެވެ.
އައްޝައިޚް އިމްތިޠާއުއަކީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްއިން ޖުޑީޝަލް ސައިންސަސް އެންޑް ޝަރީޢާ ޕޮލިސީގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
މީގެ އިތުރުން މަދީނާގެ އިސްލާމިކް ޔުނިވާސިޓީން ޙަދީޘް ސައިންސަސް އެންޑް އިސްލާމިކް ސްޓަޑީޒްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފައިވާއިރު، މިހާރު ގެންދަވަނީ އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ޝަރީޢާ ޕޮލިސީގެ ދާއިރާއިން ޕީއެޗްޑީއަށް ކިޔަވާވިދާޅުވަމުންނެވެ.