Advertisement

ކޮމަންވެލްތުގެ ކޮންފަރެންސް ނިންމާ އަބްދުއްރަހީމް ރާއްޖެ ވަޑައިގެންފި

19 Jan 2026 | 09:52
ކޮމަންވެލްތުގެ ކޮންފަރެންސް ނިންމާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ / ފޮޓޯ: މަޖިލީސް ގެލެރީ

ކޮމަންވެލްތްގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންގެެ 28ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ނިއު ދިއްލީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުاللهއާއި ވަފުދުގެ ބޭފުޅުން ރާއްޖެ ވަޑައިގެންފިއެވެ.

މި ކޮންފަރެންސްގެ ތެރެއިން އެ މަނިކުފާނު ވަނީ އިންޑިއާގެ ޤާނޫނުހަދާ މަޖިލިސް، ލޮކް ސަބާގެ ރައީސް، އޮނަރަބަލް އޯމް ބިރްލާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްވެސް ކުރައްވފާފައެވެ. 

Advertisement

އެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ނިއު ދިއްލީގައި ކުރިއަށްގެންދާ ކޮމަންވެލްތުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންގެ 28ވަނަ ކޮންފަރެންސްގެ އިންތިޒާމުތަކުގެ ފުރިހަމަކަން ފާހަގަކުރައްވައި އެކަމަށް ތަޢުރީފު ކުރައްވާފައެވެ. އަދި އެފަދަ ކޮންފަރެންސެއް ރާވައި އިންތިޒާމުކުރުމަކީ، ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އެއްބާރުލުން ހަރުދަނާ ކުރުމަށް ލޮކް ސަބާއިން ކުރަމުންދާ މުހިންމު މަސައްކަތެއްކަންވެސް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އެމަނިކުފާނުގެ ވާހަަކަފުޅުގައި ރާއްޖެއާއި އިންޑިއާއާއި ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ އެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މަޖިލީހުގެ ރައީސް އިންޑިއާގެ ޤާނޫނުހަދާ މަޖިލިސް، ލޮކް ސަބާގެ ރައީސް އޯމް ބިރްލާގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިން/ ފޮޓޯ: މަޖިލީސް ގެލެރީ

މީގެއިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހާއި ލޮކް ސަބާއާ ދެމެދު ހެދިފައިވާ އެމްއޯޔޫގެ ދަށުން މަޖިލީހުގެ މުވައްޒަފުންނަށް ލޮކް ސަބާގެ ފަރާތުން ހިންގަމުން ގެންދާ ތަމްރީން ޕްރޮގްރާމްތައް ފާހަގަކުރައްވާ ޝުކުރުއަދާކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހާއި ލޮކް ސަބާއާ ދެމެދު އަބަދުވެސް އޮންނަ ގާތް ގުޅުން ފާހަގަކުރައްވައި އެ ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ. 

ލޮކް ސަބާގެ ރައީސް އޯމް ބިރްލާވަނީ އިންޑިއާއިން ޕާލިމެންޓް ޑިޖިޓަލައިޒްކުރުމުގައި ހޯދާފައިވާ ކުރިއެރުންތަކާއި މުވައްޒަފުން ތަމްރީނުކުރުމުގައި ލޮކްސަބާގެ ޕާލިމެންޓަރީ ރިސާޗް އެންޑް ޓްރޭނިން އިންސްޓިޓިއުޓް ފޯ ޑިމޮކްރަސީސް (ޕްރައިޑް) ގެ ދައުރަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ޑިޖިޓަލް އިނޮވޭޝަންތަކާއި އެހެނިހެން މުހިންމު ދާއިރާތަކުގެ ތަޖުރިބާ ދިވެހިރާއްޖެއާ ހިއްސާކުރުމަށް އިންޑިއާއިން ތައްޔާރަށް އޮތްކަން އެމަނިކުފާނު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. 

ކޮމަންވެލްތްގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އޮފިސަރުންގެ 28ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ޢަބްދުއްރަޙީމް ޢަބްދުﷲ އިންޑިއާގެ ނިއު ދިއްލީއަށް ފުރާވަޑައިގަތީ މި މަހުގެ 13 ވަނަ ދުވަހުގައެވެ.

Advertisement

ކޮމެންޓް