ހޯރަފުށި ކައުންސިލްގެ ރައީސް ތިން މަހަށް ސަސްޕެންޑްކޮށް ހަތަރު މެންބަރުންނަށް ގާނޫނުގެ ދަށުން ނަސޭހަތްތެރި ވެއްޖެ
ހޯރަފުށީ ކައުންސިލަރުންނާއި ގުޅިގެން ލޯކަލް ގަވަރމަންޓަށް ހުށަހަޅައިފައިވާ މައްސަލަ ތަކަކާއި ގުޅިގެން ހޯރަފުށީި ކައުންސިލްގެ ރައީސް އަދި ކައުންލަރު މެންބަރުންނަށް ފިޔަވަޅު އަޅައިފިއެވެ.
ހޯރަފުށި ކައުންސިލަރުންނަށް ފިޔަވަޅު އެޅީ އެކައުންސިލާއި ގުޅިގެން ލޯކަލް ކައުންސިލަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން އެ ކައުންސިލަށް ޖަވާބުދާރީ ވުމަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމުންވެސް އެކަމަށް ޖަވާބުދާރީ ވެފައިނުވާތީ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ އިން ބުނެފައިވެއެވެ. އަދި އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަންވެސް ބަލާފައިވާނެ ކަމަށް އެލްޖީއޭއިން ބުނެފައިވެއެވެ.
އޭގެތެރޭގައި ކޮރަޕްޗަނަށް މަގުފަހިވާގޮަތަށް ބިން ދޫކޮށްފައިވާ މައްސަލައަކާއި، ލާމަރުކަޒީ ގާނޫނާއި، ލޯކަލް ކައުންސިލުގެ އާއްމު އިޖުރާއީ ގަވައިދާ އަދި މާލިއްޔަތު ގަވާއިދާ ޚިލާފަށް ކަންކަން ކުރަމުންދާކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައާއި އެކު ޖުމްލަ އަށް މައްސަލައެއް އެލްޖީއޭއިން ބަލާފައިވެއެވެ.
އޭގެތެރޭގައި ތިލައުތުރު ވޮލީ މުބާރާތް ބޭއްވުމަށް މާލިއްޔަތު ގަވާއިދާ ޚިލާފަށް ހަރަދުކޮށްފައިވާ މައްސަލައަކާއި، ފިޒިކަލް ޑިވަލޮޕްމަންޓް ޕްލޭން (ލޭންޑް އެންޑް ޔޫސޭޖް) އާއި ޚިލާފަށް ރަށުގެ ގޯތިތަކާއި އިންވެ އޮންނަ ހުސް ބިންތައް އެ ގޯތިތަކަށް އިތުރަށް ދީފައިވާ މައްސަލައަކާއި، ގަވައިދާ ޚިލާފަށް ކަދުރު ރުއްތަކެއް އެރަށުގެ ބަނދަރު ސަރަހައްދުގައި އިންދުމަށް ގެނެސްފައިވާ މައްސަލައަކާއި، އެ ރަށުގައި ޢީދު ކުޅިވަރު ކުޅުމަށް ގަވައިދާ ޚިލާފަށް ކައުންސިލުން ހަރަދުކޮށްފައިވާ މައްސަލައަކާއި، މީގެއިތުރުން ކައުންސިލްގެ ޕްރޮކިއުމަންޓް ކަންތަކުގައި އުޅޭ މުވައްޒަފުން ބޮޑް ކޮމިޓީގައި އުޅޭ ކަމަށް ބުނާ މައްސަލައަކާއި، ގާނޫނުގެ ދަށުން ހޯދުމަށް އެދޭ މައުލޫމާތުތައް ފޯރުކޮށްނުދޭ މައްސަލައަކާއި، އަލްހާ އީދުގައި ރަށުތެރެ ޒީނަތްތެރިކުރުމަށް ލައިޓްގަތުމަށް ސްޕްލިޓްކޮށްގެން ގިނަ އަދަދެއްގެ ފައިސާތަކެއް މާލިއްޔަތު ގަވައިދާ ހިލާފަށް ދޫކޮށްފައިވާކަމާއި، އަދި އެތަކެތި ކައުންސިލަށް ލިބިފައިނުވާ މައްސަލައެއް ހިިމެނެއެވެ.
ހޯރަފުށި ކައުންސިލަރުން އަމަލު ބަހައްޓާފައިވާ ގޮތަކީ ސުލޫކީ މިންގަނޑާއި ހިލާފުކޮށްކަމަށް އެލްޖީއޭއިން ފާހަގަކޮށްފައިވެއެވެ. އަދި އެ އޮތޯރިޓީން ކުރި އެންކުއަރީން އެކަން އެނގެން އޮތުމުންނާއި، އެލްޖީއޭގެ ނިންމުމަށް އަމަލު ނުކުރުމަށް ކައުންސިލްގެ ޖަލްސާއަކުން ނިންމާފައިވާކަން އެ އޮތޯރިޓީއަށް އެނގެން އޮތުމުންނާއި، އެ ކައުންސިލާއި ގުޅިގެން އެ އިންކުއަރީން ފާހަގަވެފައިވާ ކަންކަމަކީ ކައުންސިލަށްށާއި ލާމަރުކަޒީ ނިޒާމަށް ގެއްލުން ލިބޭނެ ކަމެއް ކަމަށް ވާތީ، ހޯރަފުށި ކައުންސިލަރުންނަށް ފިޔަވަޅު އެޅުމަށް އެލްޖީއޭއިން ވަނީ ނިންމާފައެވެ.
އެގޮތުން މިކަމާއި ގުޅިގެން ހޯރަފުށި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު އާދަމް ވަނީ ތިން މަސް ދުވަހުގެ މުއްދަތަަކަށް ސަސްޕެންޑް ކޮށްފައެވެ. އަދި ކައުންސިލްގެ ނައިބު އަހްމަދު އިމްދާހް އާއި ކައުންސިލް މެންބަރުު އިބްރާހިމް ޝާކިރާއި، އާމިނަތު ވިސާމާއާއި، އާމިނަތު ނާސިހާއަށް ގާނޫނުގެ ދަށުން ވަނީ ނަސޭހަތްތެރިވެފައެވެ.
އަދި މީގެ އިތުރުން އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއާއި އެހެން މުވައްޒަފުންގެ އިހުމާލެއް ވޭތޯ ބެލުމަށް ފަހު އެ މުވައްޒަފުންނަށް ވެސް ފިޔަވަޅު އެޅުމަށް އެލްޖީއޭއިން ނިންމާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.