Advertisement

ކާޑު ލިމިޓުން ނަހަމަ ގޮތުގައި ޑޮލަރު ބޭނުން ކުރާކަން ފާހަގަވެއްޖެ - ފިޔަވަޅު އަޅާނަން: ބީއެމްއެލް

07 Dec 2025 | 21:01
-

ކާޑު ލިމިޓް ބޮޑުކުރުމާއި ގުޅިގެން ބައެއް ފަރާތްތަކުން ނަހަމަގޮތުގައި ބޭނުން ކުރާކަން ފާހަގަކުރެވިފައިވާ ކަމަށް ބެންކް އޮފް މޯލްޑިވްސް ( ބީއެމްއެލް) އިން ބުނެފައެވެ.

ބީއެމްްއެލްއިން ބުނީ، ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތައް ބަލައިގެން ގެނެސްފައިވާ ބަދަލުގައި ރާއްޖޭން ބޭރުގައި ކާޑު މެޝިނުގައި ބޭނުން ކުރެވޭ މުއާމަލާތްތަކަށް މަހަކު 1000 ޑޮަލރު، އަދި ޓިކެޓާއި ބުކިންގ އަށާއި ސިއްޙީފަރުވާ އަށް ފައިސާ ދެއްކުމަށް މަހަކު 3000 ޑޮލަރާއި ހަމައަށް ލިމިޓް ކަނޑައަޅާފައިވާ ކަމަށެވެ.

Advertisement

ނޮވެމްބަރު މަހު 11 ވަނަ ދުވަހުން ފެށިގެން ގެނައި އެ ބަދަލާއި ގުޅިގެން ބައެއް ކަސްޓަމަރުން އެ ކަސްޓަމަރެއްގެ އަމިއްލަ ބޭނުމަށް، އަމިއްލަ އެކައުންޓަށް ނަންގަވާފައިވާ ކާޑުތައް އެހެން ފަރާތްތަކަށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ދިނުމާއި އެގޭ ތެރެއިން އެކަކު 100 އަށް ވުރެ ގިނަ ކާޑު ބޭރު ގައުމަކަށް ގެންގޮސް، ބޭރުފައިސާ ހޯދުމަށްޓަކައި ވަކި މާރޗެންޓެއްގެ ކާޑު މެޝިނުގައި އެ ކާޑުތައް ބޭނުންކޮށްގެން މުޢާމަލާތްތައް ހިންގިކަން ފާހަގަކުރެވިފައިވާކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރަށް ދަތުރުނުކުރާ ފަރާތްތަކުގެ ކާޑުތައް ބޭނުންކޮށްގެން ގިނަ އަދަދުތަކަށް، ޓިކެޓް އަދި ހޮޓެލް ބުކިންގއަށް ކަނޑައަޅާފައިވާ ލިމިޓް ބޭނުންކުރުން ވެސް ހިމެނޭ ކަމަށް ބީއެމްއެލްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެއެވެ.

ބީއެމްއެލް އިން ބުނީ، މިގޮތަށް ތިންވަނަ ފާރަތަކަށް ކާޑު ދިނުމާއި ނަހަމަ ގޮތުގައި ކާޑު ބޭނުންކުރުމަކީ ކާޑުގެ ވެރިފަރާތާއި ބޭންކާ ދެމެދު ވެފައިވާ އެއްބަސްވުމާ މުޅިން ހިލާފު އަމަލެއް ކަމަށެވެ. އަދި މީގެ އިތުރުން ޕަރސަނަލް ކާޑުން ބޭރުގެ މުޢާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަކީ، އެކާޑުގެ ވެރިފަރާތެއްގެ ހަމައެކަނި އަމިއްލަ ބޭނުންތަކަށް ކުރަންޖެހޭ ޚަރަދުތައް ކުރުމަށް ދީފައިވާ ލިމިޓެއް ކަމަށެވެ. އެހެންކަމުން މިފަދަ މުޢާމަލާތްތަކަކީ އާންމުކޮށް ފައިސާގެ މުޢާމަލާތް ހިންގުމުގެ އުސޫލުތަކާ ހިލާފު މުޢާމަލާތްތަކަށްވާތީވެ، ކުރިޔަށް އޮތްތާނގައި މިފަދަ މުޢާމަލާތްތައް ބަލައި، ފިޔަވަޅު އެޅުމަށްޓަކައި ކަމާބޭހޭ ފަރާތްތަކަށް ހުށަހަޅަމުންގެންދާނެ ކަމަށް ބީއެމްއިން ބުނެފައިވެއެވެ. އަދި މިގޮތަށް ބޭނުން ކުރާ ކާޑުތަކަށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ކަނޑައެޅިފައިވާ ލިމިޓް ކަނޑާލުމާއި އެފަދަ މާރޗެންޓްތަކުގައި މުޢާމަލާތް ނުކުރެވޭގޮތް ހެދުންފަދަ ފިޔަވަޅުތައް ބޭންކުން އަޅަންޖެހިދާނެ ވާހަކަވެސް ބީއެމްއެލްއިން އެ ބަޔާނުގައި ބުނެފައިވެއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ޑެބިޓް ކާޑު މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ބޭރުފައިސާ ވިއްކޭ އަދަދު ބޮޑުކޮށްފައިވަނީ، ރާއްޖެއިން ބޭރަށް އެކި ބޭނުންތަކުގައި ދަތުރުކުރައްވާއިރު ޒަރޫރީ ބޭނުންތަކަށާއި އެހެނިހެން ކަންތައްތަކަށް ވީއެންމެ ލުއިފަސޭހަ ގޮތްތައް ހަމަޖައްސައި ދިނުމުގެ ބޭނުމުގައި ކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އެ ބޭންކްއަށް މި ޚިދުމަތް ދެވޭނީ، ނަހަމަގޮތުގައި ކާޑު ބޭނުންކުރުމަށް ހިންގާ އަމަލުތައް ހުއްޓިގެން ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

އެހެންކަމުން ކާޑުގެ ވެރިފަރާތުގެ އެކައުންޓްގެ ރައްކާތެރިކަމަށާއި، ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރެވޭކަން ކަށަވަރުކުރުމަށާއި، ބޭންކުން ދީފައިވާ މިފަދަ ޚިދުމަތްތައް ދެމެހެއްޓެނިވިގޮތެއްގައި ދެމުން ގެންދެވޭނެ ގޮތް މަގުފަހިކޮށް ދިނުމަށްޓަކައި، އަމިއްލަ ކާޑު އެހެން ފަރާތްތަކުން ފައިދާ ނެގުމަށް ނުދިނުމަށް ބީއެމްއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

ކޮމެންޓް